މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް-އެމް.ޑީ.އެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ބަލައި އެމީހުން ހައްޔަރުކުރަން ޖެހޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެމް.ޑީ.އެންއިން "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ވަނީ ހިމަނައިފައެވެ. އަދި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެއީ ގާނޫނު އަސާސީއާއި ގާނޫނުތަކާވެސް ހިލާފު ކަމެއްކަމުން އެމީހުންނާ މެދު އަޅަންވާ ފިޔަވަޅު ވެސް ގާނޫނުގައި ވަރަށް ސާފު ކަމަށެވެ.

އެހެންކަމުން އެ ޖަމްޢިއްޔާ އުވާލާ އެ ރިޕޯޓު ލިޔުނު މީހުން ހައްޔަރުކުރަންޖެހޭ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ އެމް.ޑީ.އެންގެ ރިޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނެރެފައިވާ ރިޕޯޓެއް ނޫން ކަމަށެވެ.

އެކަމާމެދު ޒިންމާދާރު ސަރުކާރެއްނަމަ އެއްޗެއް ބުނަންޖެހޭނެ ކަމަށާއި ރައިސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅުނުވެ، އެހެން ބޭފުޅުން ޓްވީޓްކުރި ކަމުގައިވިޔަސް އެއީ ސަރުކާރުގެ ބަސްކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަޖްލީހުގެ ރައީސް މިކަމާ ގުޅިގެން ދައްކާފައިވާ ވާހަކަތައް ކުށްވެރިކުރައްވާ ކަމަށްވެސް ޕީއެންސީގެ ނައިބު ރައީސް ވިދާޅުވިއެވެ.

"2016 ވަނަ އަހަރު އެމް.ޑީ.އެންއިން ބުނި ރިޕޯޓް ނެރިފައެއް ނުވޭ. އެއީ ކޮންބައެއްކަން އަޅުގަނޑުމެންނަށް ފެށުނީއްސުރެ އެނގޭ. އެއް ފިކުރެއްގެ ބައެއް އޭގަ ތިބެނީ. އަދި އެބުނި ރިޕޯޓް ޕަބްލިކް ޑޮމެއިންއަށް ޝާއިއުކޮށްފައިވަނީ މީގެ ހައެއްކަމަސް ދުވަސްކުރިންކަމަށް ޝާއިއުކުރި ތަނެއްގަ ޝާއިއުކުރިކަމަށް މައުލޫމާތު ލިބިފައިވަނީ.

ފުލުހުން އަޅަންވީ ފިޔަވަޅު ވަރަށް ސާފު. އެމީހުން ޖެހޭނީ ހައްޔަރުކުރަން. އެ ޖަމިއްޔާ ޖެހޭނީ އުވާލަން. އެއީ މާބޮޑު ދިރާސާތަކެއް ކުރަންޖެހޭ ކަމެއް ނޫން. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ހުއްދަކުރާ ކަމެއްވެސް ނޫން. ދިވެހިން ބަލައިގަންނަ ކަމެއްވެސް ނޫން" މުހައްމަދު ހުސައިން ޝަރީފު ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަދި ޔޫތް މިނިސްޓްރީން ވެސް ވަނީ ޖަމިއްޔާތައް އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ.

ރިޕޯޓްގެ މައްސަލަ ފެންމަތިވެ ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާ އުވާލުވުމަށާއި އެ ރިޕޯޓު ނެރުނު ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

އަދި މި މައްސަލައިގައި ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ދިވެހިންގެ ހަމަ އެކަކުވެސް އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުރާ ފުރައްސާރަ ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޖޭޕީންވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފައެވެ.

ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ނަމަވެސް އެ ޖަމިއްޔާގެ ބައެއް ބޭފުޅުންވަނީ ފަހުންވެސް އެ ރިޕޯޓްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.