މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ސްރީލަންކާގެ މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނިންމަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅުއްވައި އަދި އެކަމަށް ބަހައްޓަންޖެހޭ ޑިޕޮޒިޓް ފައިސާ ބެހެއްޓުމުގެ މުހުލަތު މިއަދު މެންދުރު ފަހު ހަމައިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ޖުމްލަ 41 ކެންޑިޑޭޓުން ކަމަށް ސްރީލަންކާ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައި ވެއެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނުން ހާމަކުރި ލިސްޓްގައި ރައީސް ސިރިސޭނާގެ ނަންފުޅެއް ނުހިމެނެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމުގެ އިޝާރާތްތަކެއް ކުރިން ދެއްވަމުން ގެންދެވި ނަމަވެސް، ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާން ނިންމެވި ސަބަބާ ގުޅޭގޮތުން ރައީސް ސިރިސޭނާ އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރައްވައެވެ.

އެހެން ނަމަވެސް، ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީގެ ތަރުޖަމާނެއް ވަނީ، ރިޔާސީ އިތުރު ދައުރަކަށް ރައީސް ސިރިސޭނާ ވާދަ ނުކުރައްވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް ސިރިސޭނާ މިދިޔަ އަހަރުގެ ތެރޭގައި، ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ވަކިކުރައްވައި، ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްކުރެއްވި މައްސަލާގައި އެގައުމު ވަރުގަދަ ގާނޫނީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިގެންދިޔައެވެ.

ސްރީލަންކާގެ ސުޕްރީމް ކޯޓުން ފަހުންވަނީ، ރައީސް ސިރިސޭނާގެ ނިންމެވުން ބާތިލްކޮށް، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ މަގާމު އިއާދަކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާން ރައީސް ސިރިސޭނާ ނިންމެވިއިރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ދެބޭފުޅުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.

އެއީ، މަހިންދަ ރާޖަޕަކްސަގެ އެންމެ ހަގު ކޮއްކޯފުޅު އަދި ކުރީގެ ދިފާއީ ވަޒީރު ގޮޓަބާޔަ ރާޖަޕަކްސައާއި، އެންމެ ދޮށީ ބޭބޭފުޅު ޝަމަލް ރާޖަޕަކްސައެވެ. ޝަމަލްއަކީ ސްރީލަންކާ ޕާލަމެންޓްގެ ކުރީގެ ރައީސެވެ.

ގޮޓަބާޔަ ރާޖަޕަކްސަ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ފަރާތުން ވާދަކުރައްވާއިރު، ޝަމަލް ރާޖަޕަކްސަ ރިޔާސީ ރޭހަށް ނުކުމެވަޑައި ގެންފައިވަނީ އަމިއްލަފުޅު ގޮތުންނެވެ.

ރިޔާސީ އިންތިޚާބުގެ ފޯރި ވަރަށް ގަދަވާނޭ ކަމަށް ބެލެވޭއިރު، މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ، ޔޫއެންޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ ސާޖިތު ޕްރެމަދާސަ ވަނީ ކަނޑައަޅާފައެވެ. ސާޖިތު ޕްރެމަދާސައަކީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނަސިންހަ ޕްރެމަދާސަގެ ދަރިކަލެކެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން ބޭފުޅުންގެ ތެރޭގައި، ސްރީލަންކާ ސިފައިންގެ ކުރީގެ ކޮމާންޑަރ، ޖެނެރަލް މަހޭޝް ސެނަނަޔަކެވެސް ހިމެނިވަޑައިގަންނަވައެވެ.