އަންހެން ކްރިކެޓް ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދާދިފަހުން ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ދެކުނު އެފްރިކާ ކޯޗު އާސިފް ހާންގެ މައްސަލަައިގައި ކްރިކެޓް ބޯޑުން ބޮޑު އިހުމާލުތަކެއް ވެފައިވާކަމަށް ކްރިކެޓް ކުޅުންތެރިން ތުހުމަތު ކޮށްފިއެވެ.

ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް އަންހެން ކްރިކެޓް ކުޅުންތެރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އާސިފް ހާން ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް ކޯޓު އަމުރަކާ އެކުގައެވެ.

ވީ ސްޕޯޓްސްއާއި ވާހަކަ ހިއްސާކުރި ބައެއް ބެލެނިވެރިން ވަނީ ކޯޗުގެ މައްސަލައިގައި އެސޯސިއޭޝަނުން ބީރު ކަންފަތެއް ދީފައިވާ ކަމަށާއި މައްސަލަ އެސޯސިއޭޝަނުގެ ވެރިންނަށް އެތައް ފަހަރަކު ހުށައަޅާފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި ކޯޗުގެ ފަރާތުން ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ފެނިފައިވާ ކަމަށާއި މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަން ހާމަނުކުރުމަށް އެދި ވާހަކަ ހިއްސާކުރި ބައެއް ބެލެނިވެރިން ބުނެފައި ވެއެވެ.

ކޯޗުގެ ޖިންސީ ގޯނާގެ މައްސަލާގައި ކްރިކެޓް ކުޅުންތެރިން ނެރުނު ނޫސްބަޔާނުގެ ކޮޕީއެއް ވީ ސްޕޯޓްސްއަށް ވަނީ ލިބިފައެވެ.

މި ނޫސްބަޔާނުގައި ވާގޮތުން، އާސިފް ޚާން ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާކޮށްފައިވާކަން އިތުބާހުރި ފަރާތްތަކެއްގެ ފުށުން ޔަގީންވާ ކަމަށާއި އަދި އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އޭނާ ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކުރި ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، ގައުމީ ކްރިކެޓް ޓީމުގެ ހެޑު ކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު އާއްމުންނަށް ހާމަވިޔަނުދީ އޮތްކަން އެ ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ކުޅުންތެރިންނަށް އިތުބާރު ކުރެވޭ ފަރާތްތަކެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި، އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކުޅުންތެރިން ބުނީ، ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން ސީދާގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް ކްރިކެޓް ބޯޑުން އެހީވުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ވަނީ ހާމަކޮށްފައެެވެ.

އެހެންކަމުން މި މައްސަލައިގައި ޝިކާރައަކަށްވި ފަރާތްތަކަށް އެހީވުމުގައި ކުރިއަށް ނުކުތުމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަ އިދާރާތަކަށްް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުންތެރިން ވަނީ ކްރިކެޓް ބޯޑަށް ގޮވާލާފައެވެ.

އަދި ކްރިކެޓް ކުޅުންތެރިންގެ ހައިސިއްޔަތުން އެ ކުޅުންތެރިން ތިބީ ކްރިކެޓުގެ އުސޫލުތައް އަލުން އާލާކޮށް ހުރިހާ ކުޅުންތެރިންނަށް ވެސް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ތައްޔާރަށް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މި މައްސަލައިގައި ކްރިކެޓް ބޯޑު ރައީސް އަފްލާހްއަށް ގުޅާލުމުން ވިދާޅުވީ މިއީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުން އިތުރު ވާހަކަތަކެއް ހިއްސާކުރެވެން ނެތްކަމަށެވެ.