ތައިލެންޑްގެ ދެކުނުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރަށެއް ކަމަށްވާ ޔަލާގެ ކޯޓެއްގައި ހިނގަމުންދިޔަ ޝަރީއަތެއް ނިންމައި ހުކުމް އިއްވުމަށްފަހު ކޯޓުގެ ފަނޑިޔާރު އަމިއްލަ ގައިކޮޅަށް ބަޑިޖަހައިފިއެވެ.

ފަނޑިޔާރު ޚަނަކޯން ޕިއަންޗަނާ އަމިއްލަ ގައިކޮޅަށް ބަޑިޖެހީ، މީހުން މެރުމާއި، ހަތިޔާރު ގެންގުޅުމާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ޝަރީއަތަށް ހުށަހެޅުނު ހަ މުސްލިމުން އެ މައްސަލާގައި ކުށްވެރި ނުވާ ކަމަށް ހުކުމް އިއްވުމަށް ފަހުގައެވެ. ހުކުމުގައި ބުނެފައިވަނީ އެ މައްސަލާގައި އެކަށީގެންވާ ހެކި ނެތް ކަމަށެވެ.

ފަނޑިޔާރު ބަޑިޖަހާފައިވަނީ އޭނާގެ މެޔަށެވެ. ނަމަވެސް ފަނޑިޔާރު މަރުނުވެ ވަނީ ސަލާމަތް ވެފައެވެ. އޭނާއަށް ޔަލާގެ ހޮސްޕިޓަލެއްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ތައިލެންޑްގެ ކޯޓު އޮފް ޖަސްޓިސްގެ ފަރާތުން ވާހަކަ ދެއްކެވި ތަރުޖަމާނެއް ވިދާޅުވެފައިވަނީ، ފަނޑިޔާރު ޚަނަކޯން ޕިއަންޗަނާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ފަނޑިޔާރު އަމިއްލަ ގައިކޮޅަށް ބަޑިޖެހީ ކީއްވެގެންކަން ސާފު ނުވާ ކަމަށާއި، ނަމަވެސް މިއީ އަމިއްލަ ޒާތީ މައްސަލަތަކާ ގުޅިގެން ހިނގި ކަމެއް ކަމަށް ވެދާނޭ ކަމަށް ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.

"ފަނޑިޔާރުންގެ މަސައްކަތަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނޯންނަކަން ކަށަވަރު ކޮށްދެން. ޝަރީއަތްތައް ކުރުމަށްފަހު ހުކުމް އިއްވުމުގައި ފަނޑިޔާރުންނަކީ މިނިވަންބައެއް" ކޯޓު އޮފް ޖަސްޓިސްގެ ތަރުޖަމާނު ސޫރިޔާ ވިދާޅުވިއެވެ.

އެކަމަކު، ޔަލާގެ ރައްޔިތެއް ކަމަށްވާ އަމީދު މާތާ ބުނެފައިވަނީ، ފަނޑިޔާރު އަމިއްލަ ގައިކޮޅަށް ބަޑިޖެހީ، މުޅި ޝަރުއީ ނިޒާމުގައި މައްސަލަ އުޅޭކަމުގެ މެސެޖް ދިނުމަށް ކަމަށް ވެދާނޭ ކަމަށެވެ.

"ހަތިޔާރު އަޅައިގެން ހަނގުރާމަކުރާ މީހުންގެ މައްސަލައަކީ މުޅި ޝަރުއީ ނިޒާމުގައި އެންމެ ހޫނު މައްސަލަ. އޭނާ ގަޔަށް ބަޑިޖެހީ މިމައްސަލަ އުޅޭކަން މުޅި ތައިލެންޑަށް ހާމަކޮށްދިނުމަށް ކަމަށް ބެލެވޭ" އަމީދު ބުންޏެވެ.

ތައިލެންޑްގެ ދެކުނުގެ ރަށްތައް ކަމަށްވާ ޔަލާ، ޕަޓާނީ އަދި ނަރަތިވަޓްއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޕްރޮވިންސްތަކެވެ. މި ޕްރޮވިންސް ތަކުގައި ހަތިޔާރު އެޅި އެކި ޖަމާއަތްތަކުން 2004 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ހަތް ހާހަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.

ޔަލާ، ޕަޓާނީ އަދި ނަރަތިވަޓް އަކީ ކުރިން މެލޭ މުސްލިމް ރަސްކަމުގެ ދަށުގައިއޮތް ޕްރޮވިންސްތަކެވެ. އެ ޕްރޮވިންސްތައް ތައިލެންޑުން ވެރިވެގެންފައިވަނީ 1909 ވަނަ އަހަރުއެވެ. އެހެންވެ، ހަނގުރާމަކުރާ ގްރޫޕްތަކުން ބޭނުންވަނީ އެ ޕްރޮވިންސްތައް ތައިލެންޑްގެ ކިބައިން މިނިވަންކޮށް މިނިވަން ދައުލަތަކަށް ހެދުމަށެވެ.