19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ކުޅުނު ފަހު މެޗުން ލުބުނާން އަތުން 2-0 އިން ރާއްޖެ ބަލިވެއްޖެއެވެ.

19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ރާއްޖެ މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ސީގައެވެ. ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކޮލިފިކޭޝަން ކުރިއަށްދިޔައިރު، މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ހިމެނުނީ ތަޖިކިސްތާން، ސީރިއާ އަދި ލުބުނާނެވެ. ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވި ނަމަވެސް، މިފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

މިއަދު ކުޅުނު ފަހު މެޗުން ލުބުނާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައިވެސް ޒުވާން ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއިރު، ލުބުނާނުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. 17 ވަނަ މިނެޓުގައި މި ގޯލް ކާމިޔާބުކޮށްދިނީ އާދަމް ހިޖާޒީ އެވެ. ލުބުނާނުގެ ދެވަނަ ގޯލް 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލް ރައްޒާކް އެވެ.

ފަހު މެޗުން ބަލިވިއިރު، ކޮލިފިކޭޝަނުގައި ރާއްޖޭގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެންދިޔައީ ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ސީރިއާ މޮޅުވީ ފަހަތުންއަރާ 3-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު އާދައިގެ ގޮތަކަށް ފެނިގެންދިޔައިރު، އެ މެޗު ތަޖިކިސްތާނުން ކާމިޔާބު ކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިފަހަރުގެ ކޮލިފިކޭޝަނާ ރާއްޖޭގެ ޒުވާން ޓީމު ކުރިމަތިލާފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ތިންވަނަ ހޯދުމަށްފަހު އެވެ.