ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އއ. ބޮޑުފޮޅުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި މިއަދު ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މިވަގުތު ހުރި އެންމެ ބޮޑު ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައި ވެއެވެ. ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކުގެ އިތުރަަށް ރަށުން ދެވޭ އެކި ޚިދުމަތްތައް ރަނގަޅުކުރުމަށްވެސް ރައީސަށް ހުށަހަޅުއްވާފައި ވެއެވެ.

އެގޮތުން ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށާއި ބިންހިއްކުމާއި، ބަނދަރުގެ އެއްގަމު ތޮށީގެ މަރާމާތުގެ މަސައްކަތާއި، ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ކަންކަން ހިމެނެއެވެ. އަދި މީގެ އިތުރަށް ޒުވާނުންނަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަޝްރޫއުތައް ހިންގައިދިނުމަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބޮޑުފޮޅުދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިދާނެ މަޝްރޫއުތަކާ ބެހޭ މަޝްވަރާކުރެއްވުމުގެ އިތުރުން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ތާރީޚުތައް ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫ ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމަށްވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.