ހއ. މާރަންދޫ ކޮމިޔުނިޓީ ސެންޓަރުގެ ފަރާތުން އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށްގެންދާ "ބަދަހި ކަޕް 2019" ފުޓްސަލް މުބާރާތް ރޭ ފަށައިފި އެވެ.
މިއަހަރުގެ މުބާރާތުގައި މާރަންދޫގެ 4 މުއައްސަސާއަކުން ވާދަކުރެއެވެ. އެއީ މާރަންދޫ ފެނަކަ ބްރާންޗާއި މާރަންދޫ ސްކޫލާއި، މާރަންދޫ ކައުންސިލްގެ އިތުރުން މާރަންދޫ ސިއްހީ މަރުކަޒެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ތާވަލުގެ އެއްވަނައަށްދާ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ތާވަލުގެ ދެވަނައަށްދާ ޓީމާއި ތިންވަނައަށްދާ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ކުޅުން ރޭ ފެށިއިރު، ރޭ ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ މާރަންދޫ ފެނަކަ ބްރާންޗާއި މާރަންދޫ ސްކޫލެވެ. މިމެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެނަކަ ޓީމުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ފެނަކަ ޓީމުން ވަނީ ލީޑު ނަގާފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސާޖހިދެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ހުސެއިން އާދަމް ވަނީ ސްކޫލް ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިމެޗުން ފެނަކަ ޓީމު މޮޅުވީ 10 ވަނަ މިނެޓުގައި ސާޖިދު ކާމިޔާބުކޮށްދިން ގޯލާއެކު އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ޓީމަށް ދެގޯލް ޖަހައިދިން ސާޖިދެވެ.
މި މުބާރާތުގައި މިރޭ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވާ ހުކުރު ދުވަހުގެރޭ އެވެ.