ސެޕްޓެމްބަރުމަހު ފަހުކޮޅު ހެންވޭރުކޮޅުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައިޖެހުނު މީހުންނަށް އެހީތެރިވުމަށް ހުޅުވި ފަންޑަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހެންވޭރު ތިލަފުށިގޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައިޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭއިން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ޚާއްސަ އެކައުންޓެއް ހުޅުވާފައެވެ.

ބީއެމްއެލްގައި ހުޅުވި އެކައުންޓު މިއަދު 4:00 އާއި ހަމައިން ވަނީ ބަންދުކޮށްފައެވެ. އެކައުންޓް ބަންދުކުރިއިރު 2،528،833.37 ރުފިޔާ (ދެމިލިއަން ފަސްލައްކަ އަށާވީސްހާސް އަށްސަތޭކަތެއްތިރީސް ރުފިޔާ ތިރީސްހަތް ލާރި) ޖަމާވެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

ހެންވޭރު ތިލަފުށިގޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެކެއްގެ ފުރާނަ ގެއްލި، 4 ގުދަނަކާއި 6 ގެއެއް އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. އަދި އެ ހިސާބުގެ އެތައް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، 26 ގެއަކުން ވަނީ މީހުން ހުސްކުރެވިފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ހުސްކުރެވުނު 26 ގޭގައި 87 ގޭބިސީ ދިރިއުޅެމުންދިޔަ ކަމަށެވެ. މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ވަގުތީ ހިޔާތަކުގައި އަދިވެސް އެތައް ބަޔަކު އެބަތިއްބެވެ. މިއީ 2004 ގެ ސުނާމީ ކާރިސާއަށްފަހު އެންމެ ގިނަ މީހުން ހާލުގައިޖެހި ބަލަހައްޓަން ޖެހުނު ފަހަރެވެ.

އަލިފާނުގެ ހާދިސާގައި 26 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އާންމު ރައްކާތެރިކަމަށް 9 އިމާރާތެއް ވަނީ އެއްކޮށް ތަޅާލަން ޖެހިފައެވެ. އޭގެ ތެރެއިން ހަތަނަކީ ގުދަނުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަންތަނެވެ. މީހުން ދިރިނޫޅެވޭވަރަށް 6 ގެއަަކަށް ގެއްލުން ލިބިފައިވާއިރު، ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތަށް ބޭނުންވާ 5 ގެއެއް ވެސް ހިމެނެއެވެ. އަދި އަލިފާނުގެ އަސަރުކުރި 11 ގެއެއްގައި މީހުން ދިރިއުޅެވޭނެ ކަަމަށް ވަނީ ކަނޑައަޅާފައެވެ.

ގެއްލުންވި ގެތަކާއި ދުމުގެ އަސަރުކުރި ގެތައް ސާފުކޮށް، މީހުން ދިރިއުޅެވޭ ހާލަތަށް ބަދަލުކުރެވެމުން ދިޔަ ވަރަކަށް ގޭގެއަށް މީހުން ބަދަލުކޮށް، އާންމު ހާލަތަށް ރުޖޫއަކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅުމަށް ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ގިނަ ގެތަކަށް މިހާރު ވަނީ މީހުން ބަދަލުކޮށްފައެވެ.