ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު މުހައްމަދު ވަހީދު އިބްރާހީމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ޖޭޕީއަށް ސޮއިކުރެއްވީ ކުނޫޒުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު، ވަހީދު ވަނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ފޯމު ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވަހީދު ވަނީ ތުލުސްދޫ ދާއިރާއިން ޖޭޕީއަށް ސޮއިކުރި 300 މީހެއްގެ ފޯމު ވެސް ގާސިމް އިބްރާހީމާ ހަވާލުކުރައްވާފައެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ އަނިޔާއާ ދެކޮޅަށް ނިކުމުވަޑައިގަތީ އެތައް ބައެއްގެ ހައްގުގައި ކަމަށެވެ. މަސައްކަތް ކުރެއްވީ އެތައް ބައެއްގެ ހިތްވަރާއެކު ކަމަށާއި 12 މެންބަރުން ވީ ގުރުބާނީތަކާ ގުޅިގެން އެދުވަހު އެބޭފުޅުންވީ ބޮޑުތަކުރުފާނަށް ކަމަށާއި ނަމަވެސް މިއަދު އެއްވެސް ބަޔަކަށް ނުވި ކަމުގައި ވިޔަސް ރައީސް ސޯލިހު ވެރިކަމަށް ގެނައީ ވަރަށް ގިނަ އުންމީދުތަކަކާ އެކުގައި ކަމަށެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވީ ސަރުކާރު ދިފާއުކުރެއްވުމަށް ވަރަށް ސާބިތުކަމާއެކު ކަމަށާއި އެހެންކަމުން އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް އޭނަވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ފެނިގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން އިއްޔެގައި އެއްޗެހިކީ މީހާވެސް އަދި އެމީހާގެ ހިތުގައިވާ ރަހުމާއި ހަމްދަރުދީއާއި މިހުރިހާ ކަމެއްގެ ބަދަލުގައި ދެފަރާތުން ވާހަކަދައްކައިގެން ކަންކަން ނިންމުމުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން އެކައްޗެއްގެ ގޮތުގައި މަސައްކަތް ކުރެވިގެން ދިއުން. ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ހިތްހެޔޮ، ޚުލްގުހެޔޮ، ނަމޫނާއަކަށް ވުން. އަޅުގަނޑަށް ފެނުނީ ގާސިމް އިބްރާހީމަކީ އެފަދަ ބޭފުޅެއްގެ ގޮތުގައި" ވަހީދު ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ކުރީގެ އެތައް މަޖިލީސް މެންބަރުންނަކާއި ލީޑަރުންތަކެއް ޖޭޕީއާ ގުޅި، ސަފުތައް ރުކުރުވާލެވިފައިވާ ކަމަށާއި މާޒީން އިބުރަތް ލިބިގަނެ، މާޒީ ހަނދާން ނައްތާލުމަށްފަހު ފިޔަވަޅު އަޅަނީ ކުރިއަށް ކަމަށެވެ.

ވަހީދުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުގައި ހޭދަކުރައްވަން ޖެހުމާއި، އެނޫންވެސް އެތައް އަނިޔާއެއް އެތައް ބަޔަކަށް ލިބިފައިވާކަން ފާހަގަކުރައްވައި އެދުވަސްވަރުގެ ހަނދާންތައް އާކުރެއްވިއެވެ. އަދި އެކަންކަމާ ގުޅިގެން ރައީސް ޔާމީން އޭނަގެ ކިބައިން މައާފަށް އެދިވަޑައިނުގެންނެވި ނަމަވެސް މައާފުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.