މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓްގައި ކީރިތި ޤުރުއާނަށް ހަޖޫޖަހާ، ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މިމައްސަލައިގައި މަޖިލީހަށް މިއަދު ކުއްލި މައްސަލައިގެ ގޮތުގައި ދެ މައްސަލަ ހުށަހަޅާފައިވެ އެވެ. އެގޮތުން ކުއްލި މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އެއް މައްސަލައަކާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައިގެ ގޮތުގައި އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއްޖެނަމަ މަޖިލީހުގެ ގަވައިދުގައި އަމަލުކުރަން އޮންނަ އުސޫލަކީ ގުރުއަތުލައިގެން ބަހުސް ކުރާނެ މައްސަލައެއް ކަނޑައެޅުމެވެ. ނަމަވެސް މިއަދު އެއް މައްސަލައަކާ ގުޅިގެން ކުއްލި މައްސަލައިގެ ގޮތުގައި ދެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް، އެތަނުން އެއް މައްސަލަ ހުށަހެޅުއްވި މެންބަރު އާދަމް ޝަރީފް ވަނީ އޭނާ ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވާފަ އެވެ. އެހެންކަމުން މަޖިލީހުގައި މިހާރު ބަހުސް ކުރައްވަމުން ގެންވަނީ މެންބަރު ނަޝީދު ހުށަހެޅުއްވި މައްސަލައިގަ އެވެެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރުން މުހައްމަދު ނަޝީދު ވިދާޅުވީ އިސްލާމް ދީނަށް ހަޖޫޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖޭގައި ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުންނާއި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ދިވެހި އުންމަތުން "ނައްތާލަންޖެހޭ" ކަމަށްވެސް ތަކުރާރުކޮށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރު އުފެދެނީ ލާދީނީ މީހުންގެ ސަބަބުން ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށް ބުނެފައިވާތީ ދީނަށް ފުރައްސާރަކުރާ މީހުންގެ ދިވެހި ރައްޔިތުކަން ނަގަންޖެހޭނެ ކަމަށެވެ.
މިމައްސަލައިގައި ބަހުސް ކުރައްވަމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް އޭނާ ވިދާޅުނުވާ ކަމަށާއި ނަމަވެސް މީޑިއާގައި މިމައްސަލަ ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު އެމްޑީއެންގެ ރިޕޯޓްގައި މައްސަލަތަކެއް ހުރިކަން ގަބޫލުކުރަންޖެހޭ ކަމަށެެވެ. އެހެންކަމުން އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ދިމާވާ މައްސަލައެއް ބޭނުންކޮށްގެން ގައުމު ހަލަބޮލިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިމައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބެލުމަށް ފުރުސަތު ދެއްވުމަށް ވެސް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އެމްޑީއެން އިން ވަނީ ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ގާނޫނާ ޚިލާފްވެފައިވާ ކަމަށާއި އެހެންކަމުން އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ހުސައިން ލަތީފް ވިދާޅުވީ އިސްލާމް ދީނަށް ހަޖޫޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަން ކުރާ ހުރިހާ ކަމަކާ ދެކޮޅަށް އޭނާ އެކަނި ހުންނަންޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.
ހުސައިން އިތުރަށް ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަކީ ދިވެހިރާއްޖޭގައި ފުރުސަތު ދީގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދިވެހިންގެ ލެއާ ކުޅެވޭ ގޮތަށް ކުރާ އެކަހަލަ ކަންކަން ހުއްޓުވަން އޭނާ ވަނީ ގޮވާލައްވާފަ އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގެންދަނީ ބަލަމުންނެވެ. އެމްޑީއެން އަކީ މަދަނީ ޖަމިއްޔާ އަކަށް ވާތީ މިމައްސަލައިގައި އެ ޖަމިއްޔާ އުވާލުވުމަށްވެސް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެމްޑީއެންގެ ރިޕޯޓްގައިވާ ބައެއް އިބާރާތްތަކުގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކޮށް އެ ޖަމިއްޔާ އިން މިހާރު ވަނީ މައާފަށް އެދި އާންމުކުރި ރިޕޯޓް ވެބްސައިޓުން ނަގާފަ އެވެ.