ރާއްޖޭގެ ސިފައިންނާއި ފުލުހުން އިންޑިއާ އާއި ސްރީލަންކާގެ ސަލާމަތީ ފަރާތްތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ސަރަައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ރާއްޖޭގެ ސަރަހައްދުން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނި ނަމަވެސް ރާއްޖޭގެ ސަލާމަތީ އިދާރާތަކުން މިމައްސަލައިގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މިއޮޕަރޭޝަން ހިންގާފައިވަނީ ޕާކިސްތާނުން ފުރައިގެން މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ބޯޓެއްގެ މައުލޫމާތު އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކަށް ލިބުމާ އިންޑިއާ އާއި ލަންކާ އަދި ރާއްޖޭގެ ސަލާމަތީ ފަރާތްތަކާ ގުޅިގެން ކަމަށެވެ.

ނޫހުގައި ބުނެފައިވާ ގޮތުން މިމައުލޫމާތު އިންޑިއާގެ އިދާރާތަކަށް ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށާއި ޕާކިސްތާންގެ ބޯޓު އޭރު އިންޑިއާގެ ކޮޗިންއާ 500 މޭލު ބޭރުގައި ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އޮއްވަ އެވެ.

ޕާކިސްތާންގެ މި ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް ނޫހުގައިވެ އެވެ. ނަމަވެސް މިފަދަ އޮޕަރޭޝަނެއް ހިންގާފައިވާ ކަންވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ ޕާކިސްތާންގެ ބޯޓު ދަތުރުކުރަމުން ދިޔައިރު ޕާކިސްތާނުގައި ތިބި ބަޔަކު ބޯޓުގެ ފަޅުވެރިން އަމަލުކުރަމުން ދިޔަ ގޮތް ބުނެދެމުން ގެންދިޔަ ކަމަށެވެ. މިބޯޓު އަތުލައިގަތް އިރު ބޯޓުގައި ހެރޮއިން ހުރި ކަމަށް ނޫހުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ބޯޓު ދަތުރުކުރަމުން ދިޔަ ވަކި ތަނެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ފައިސާ ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ޖަމާއަތްތަކުން އެ ގައުމުން މަސްތުވާތަކެތި ބޭރުކޮށް، ވިއްކައިގެން އެ ފައިސާ ހަރަދުކުރާ ކަމަށް އިންޑިއާ އިން ގެންދަނީ ތުހުމަތުކުރަމުންނެވެ.

ޕާކިސްތާނުގެ ބަނދަރަކުން ބޭރުކުރި 140 ކިލޯގެ މަސްތުވާތަކެތި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން މިދިޔަ ޖުލައި މަހުގެ ތެރޭގައި އަތުލައިގަނެވިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.