ވ. އަތޮޅު އާރަށުގައި ހަދާފައިވާ "ސިނަމަން ވެލިފުށި މޯލްޑިވްސް" ރިސޯޓް ހުޅުވައިފި އެވެ.
ސްރީލަންކާގެ ޖޯން ކީލްސް އިން ތަރައްގީކޮށްފައިވާ މިރިސޯޓް ހުޅުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
ސްރީލަންކާގެ ޑެއިލީ އެފްޓީ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ރިސޯޓް ހުޅުވައިދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރު ނަމާލް ކަރުނަރަތުނ އެވެ.
ވ. އަތޮޅުގައި ކުރިން ދަތުރު ދިއުމަށް ފާހަގަކުރެވޭ ރަށެއްގެ ގޮތުގައި އޮތް އާރަށުގައި ހަދާފައިވާ ރިސޯޓްގައި 90 ކޮޓަރި ހުރެ އެވެ.
މޫދު ކޮޓަރިއާއި ބީޗް ވިލާތައް ހުރި މިރިސޯޓްގައި ތަފާތު ކެއުންތައް ލިބޭ ހާއްސަ ރެސްޓޯރެންޓުތަކާއި ސްޕާ އާއި ވޯޓާ ސްޕޯޓްސް ފެސިލިޓީތައް ވަނ ގާއިމުކޮށްފަ އެވެ.
ސިނަމަން ވިލުފުށި މޯލްޑިވްސް އަކީ ޖޯން ކީލްސްއިން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ރިސޯޓެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގަނީ ސިނަމަން ވިލުފުށި މޯލްޑިވްސްގެ އިތުރުން ސިނަމަން ހަކުރާ ހުރާ، ސިނަމަން ބައި ދޮންވެލި މޯލްޑިވްސް އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އެވެ.
ރާއްޖޭގައި މިއަހަރު 20 ރިސޯޓް ހުޅުވުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިއަހަރުގެ މިހާތަނަށް 19 ރިސޯޓް ހުޅުވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.