ތިން އަތޮޅެއްގައި ކޯޒްވޭ ހެދުމަށް އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންސާ ޕްރައިވެޓް ލިމިޓެޑަށެވެ.
މިކަމުގެ އެއްބަސްވުމުގައި އިންސާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް އިންޖީނިއާ އާދާމް ޝާނީޒެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ކޯޒްވޭ ހެދުމަށް ސަރުކާރުން ނިންމާފައިވަނީ މ. އަތޮޅާއި، ތ. އަތޮޅުގެ އިތުރުން ގދ. އަތޮޅުގަ އެވެ.
މ. އަތޮޅުގައި ކޯޒްވޭ ހެދުމަށް ނިންމާފައިވަނީ އެ އަތޮޅު މުއްޔާއި ނާލާފުށްޓާ ދެމެދުގަ އެވެ. މިމަޝްރޫއުގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް 39 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ 210،000.33 ރުފިޔާ އަށެވެ.
ތ. އަތޮޅުގައި ކޯޒްވޭ ހެދުމަށް ނިންމާފައިވަނީ އެ އަތޮޅު ވޭމަންޑޫ އާއި ކިނބިދޫއާ ދެމެދުގަ އެވެ. މިމަޝްރޫއުގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް 33 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ 185000.60 ރުފިޔާ އަށެވެ.
ގދ. އަތޮޅުގައި ކޯޒްވޭ ހެދުމަށް ނިންމާފައިވަނީ އެ އަތޮޅު މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމުގެ އިތުރަށް ގދ. ފަރެސްމާތޮޑާ އާއި އެރަށުގެ ފަޅުތެރޭގައި ހިއްކައިގެން ހަދާ އެއާޕޯޓާއި ގުޅާލުމަށެވެ. މިމަޝްރޫއުގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ 174،661.50 ރުފިޔާ އަށެވެ.