ސައިކަލެއްގެ މަތީގައި އިންދައި ބިދޭސީއެއްގެ ގަޔަށް ފެންޖެހި މައްސަލަ ބެލުމަށް، އެ ސައިކަލްގައި އިށީންދެ އިން ބިދޭސީ މީހާގެ މައުލޫމާތު ހޯދަދިނުމަށް އާއްމުންގެ ކިބައިން ފުލުހުން އެދެފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ސޯޝަލް މީޑިއާގައި ވައިރަލްވި އެ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ތަހުގީގެ ބޭނުމަށް އަނިޔާ ލިބުނު މީހާ ދެނެގަތުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން އެ މީހާ އައިޑެންޓިފައި ކޮށްދިނުމަށް އާއްމުންގެ ފަރާތުން ފުލުހުން ވަނީ މިއަދު އެހީއަށް އެދިފައެވެ. އަދި އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9631696 މި ނަންބަރު ފޯނަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދޭކަމަށެވެ.

ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިށީނދެގެން އިން ބިދޭސީއެއްގެ ގަޔަށް މީހަކު ފެންޖެހި މައްސައެއް ސޯޝަލްމީޑިއާގައި ވަނީ ވަރަށްބޮޑަށް ވައިރަލްވެފައެވެ. އަދި އެ އަމަލު ކުއްވެރިކޮށް، އެ އަމަލު ހިންގި ދިވެހި މީހާ ހޯދައި ފޮޓޯ އާއްމުކޮށް އެ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވި އެ ވީޑިޔޯ އިން ފެންނަނީ ބިދޭސީންތަކެއް ވާހަކަ ދައްކަން ތިއްބައި، ސައިކަލެއްގެ މަތީގައި އިށީނދެ އިން ބިދޭސީއެއްގެ ގަޔަށް މީހަކުގޮސް ކުއްލިއަކަށް ފެންބާލިދީއެއް ޖަހައި އޭނާ ތެދުކުރާ މަންޒަރެވެ.