އިންޑިއާގެ ސިޔާދަތީ ސަރަހައްދުން ހިފަހައްޓައި މަލިކަށް ވެއްދި "އަންބަރީ" ދޯނި މިއަދު ދޫކޮށްލާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ "އަންބަރީ" ދޯނި އިންޑިޔާގެ ސަރައްދަށް ވަދެއުޅެނިކޮށް ހިފަހައްޓައި 11 ދިވެހިންނާއި އެކު އަވައްޓެރި މަލިކު ފަޅަށް ވައްދައި ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ. މަލިކުން ބުނެފައި ވަނީ ދޯނި ހިފެހެއްޓީ ގަވައިދާއި ޚިލާފަށް އެސަރަހައްދަށް ވަނުމުން ކަމަށެވެ.

ހުކުރު ދުވަހުގެރޭ ދޯނި ހިފަހައްޓާފައިވާއިރު، މިއަދު ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަންބަރީ" ދޯނި މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެކަމަށް އިންޑިއާއިން އަންގާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމަނުކުރެއްވި ނަމަވެސް، މިނިސްޓަރ ޝާހިދު ވަނީ މަސްވެރިކަން ކުރުމުގައި އެހެން ގައުމުތަކުގެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.