އަންހެން ކްރިކެޓް ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދާދިފަހުން ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ދެކުނު އެފްރިކާ ކޯޗު އާސިފް ހާންގެ މައްސަލަައިގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭންކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ އަންހެން ކުރިކެޓް ޓީމުގެ ކޯޗިން ސެޝަނެއްގެ ތެރޭން ބައެއް ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ކުރިކެޓް ބޯޑަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާކަން އެގިފައިވާ ކަމަށެވެ.
މި މައްސަލައަކީ ގައުމީ ޓީމްގެ ކޯޗެއްގެ މައްސަލައެއް ކަމުގައިވިޔަސް މިއީ ޖިނާއީ މައްސަލައެއްކަމުން ތަހުގީގީ ހުރިހާކަމެއް ކުރިޔަށް ގެންދާނީ ޕޮލިސް ސާރވިސްއިން ކަމަށާއި، މި މައްސަލައިގައި ޔޫތު މިނިސްތްރީން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ، މިމައްސަލަައިގައި ކްރިކެޓް ބޯޑުން ބޮޑު އިހުމާލުތަކެއް ވެފައިވާކަމަށް ކްރިކެޓް ކުޅުންތެރިން ތުހުމަތު ކޮށްފައިވާ ވަގުތެއްގަ އެވެ.
އެގޮތުން ވީ ސްޕޯޓްސްއާއި ވާހަކަ ހިއްސާކުރި ބައެއް ބެލެނިވެރިން ވަނީ ކޯޗުގެ މައްސަލައިގައި އެސޯސިއޭޝަނުން ބީރު ކަންފަތެއް ދީފައިވާ ކަމަށާއި މައްސަލަ އެސޯސިއޭޝަނުގެ ވެރިންނަށް އެތައް ފަހަރަކު ހުށައަޅާފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި ކޯޗުގެ ފަރާތުން ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ފެނިފައިވާ ކަމަށާއި މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަން ހާމަނުކުރުމަށް އެދި ވާހަކަ ހިއްސާކުރި ބައެއް ބެލެނިވެރިން ބުނެފައި ވެއެވެ.
ކޯޗުގެ ޖިންސީ ގޯނާގެ މައްސަލާގައި ކްރިކެޓް ކުޅުންތެރިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. ބަޔާނުގައި ކުޅުންތެރިން ބުނެފައިވަނީ، ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން ސީދާގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް ކްރިކެޓް ބޯޑުން އެހީވުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.
އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ވަނީ ހާމަކޮށްފައެެވެ.
އެހެންކަމުން މި މައްސަލައިގައި ޝިކާރައަކަށްވި ފަރާތްތަކަށް އެހީވުމުގައި ކުރިއަށް ނުކުތުމަށާއި މިމައްސަލަ ތަހުގީގުކުރަމުން އަންނަ އިދާރާތަކަށްް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުންތެރިން ވަނީ ކްރިކެޓް ބޯޑަށް ގޮވާލާފައެވެ.
ކުޑަކުދިން ހިމެނޭ ގޮތަށް ބައެއް އަންހެން ކްރިކެޓް ކުޅުންތެރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އާސިފް ހާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް ކޯޓު އަމުރަކާ އެކުގައެވެ.