ނުރަސްމީ ތައުލީމު ހަރުދަނާގޮތެއްގައި ދެވޭނޭ ގޮތްތަކާއި ގުޅެގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާ ފަށައިފިއެވެ.

މަހާސިންތާ ފަށާފައިވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައެވެ.

ނުރަސްމީ ތައުލީމުގެ މަހާސިންތާއަކީ ތައުލީމާއި ސިއްހަތު އަދި ދުޅަހެޔޮކަމަށް ދެވޭ ފުރުސަތުތައް ފުޅާކުރުމުގެ މަގުސަދުގައި ނުރަސްމީ ތައުލީމު ދިނުމުގެ އުސާލާމެދު މަޝްވަރާކޮށް ނުރަސްމީ ތައުލީމު ދިނުން އިތުރަށް ފުޅާކުރުމަށްޓަކާ އެޑިއުކޭޝަން މިނިސްޓްރީ އާއި ނޭޝަނަލް އިސްންޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ޔުނިސެފް ގުޅިގެން ހިންގާ މަހާސިންތާއެކެވެ.

މިމަހުގެ 7 ވަނަ ދުވަހުން 8 ވަނަ ދުވަހަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި މަހާސިންތާގައި ކޮންމެ އަތޮޅަކުން ތިން ކައުންސިލަރުން ބައިވެރިވެވަޑައި ގަންނަވައެވެ.

މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ތައުލީމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ މުސްތަފާ ހުސައިން ވިދާޅުވީ ކަންކަން ބޮއްސުންލައިގެންދަނީ މަސައްކަތުގެ މައިދާނުގައި އުނގެނޭ ތައުލީމް ބޭނުން ނުކުރެވޭތީ ކަމަށެވެ.

އެމީހެއްގެ ހުރި އިލްމު އެ ބޭނުންކުރާއިރު އެވަގުތެއްގައި ހާލަތަށް ބަލަންޖެހޭނެ ކަމަށާ ކަމެއް ނިންމުމުގެ ކުރިން އެމީހަކަށް ލިބިފައިހުރި އިލްމެއްގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

އިލްމާއި ތަޖުރިބާއަކީ އެންމެ އަގުހުރި ބައިތުލްމާލު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކޮންމެކަމެއްވެސް ކުރަންވާނީ ކަމަށް ކަމޭހިތައިގެން ކަމަށާ ނަމަަކަށް ކަމެއް ކޮށްގެން ލިބޭނޭ ކުރިއެރުމެއް އަދި ހިތްހަމަޖެހުމެއްވެސް ނޯންނާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ކަމެއް ކުރުމުގައި އެކަމެއްގެ ވައްޓަފާޅިއާއި އުސޫލްތަކުގެ ތެރެއިން ކަންކަން ކުރީމާ ކާމިޔާބުވާނެ ކަމަށާ އެއީ ކާމިޔާބީގެ ސިއްރު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ، ނުރަސްމީ ތައުލީމު ދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޓްގައިވެސް އަދި ކައުންސިލްތަކުގެ މެންޑޭޓްގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.

ރަޝީދު ވިދާޅުވީ ނުރަސްމީ ތައުލީމު ކުރިއަށް ގެންދވޭނީ ކައުންސިލްތަކާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކެޝަނާއި ގުޅިގެން ނުރަސްމީ ތައުލީމު ހަރުދަނާގޮތެއްގައި ދެވޭނޭ ގޮތުގެ މައްޗަށް ޕޮލިސީއަކާއި ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް ރާވައިގެން ކަމަށެވެ. އެހެންވީމާ ޔުނިސެފްގެ އެހީތެރިކަމާއިއެކު އެފަދަ ޕޮލިސީއަކާއި ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް ރާވާން ނިންމާފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަށްރަށުގެ މުޖުތަމައަށް ބޭނުންވަނީ ކޮން ކަންތައްތަކެއްކަން އެންގޭނީ ކައުންސިލްތަކަށް ކަމަށާ ކައުންސިލްތަކާއެކު އެކަންކަމާގުޅޭ މަޝްވަރާތައް ކުރުމަށްފަހު ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ނުރަސްމީ ތައުލީމު ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެއް ކަމެކެވެ. އަދި މިއީ މިސަރުކާރުގެ ސިޔާސަތުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަހާސިންތަތައް ބާއްވާނެ ކަމަށެވެ.