މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބޭރުގެ ބޯޓަކާއި، ރާއްޖޭގެ ދޯންޏެއް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޯޓާއި ދޯނި ހިފަހައްޓާފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން 1 އޮކްޓުބަރުން ފެށިގެން ކަނޑުމަތީގައި ހިންގަމުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރޭގައި ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަންގެ ތެރޭގައި، ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު އެކަމުގައި ހަރަކާތްތެރި ބޯޓާއި، އެކަމުގައި އުޅުނު ރާއްޖޭގެ ދޯނި ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެއީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ހގާތްގަނޑަކަށް 172 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުންނެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް ބޯޓު، ރާއްޖެއާ ކައިރި ސަރަހައްދަށް އަންނަ ކަމުގެ މައުލޫމާތު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުރެވުނު މަސައްކަތުން، މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތުވެސް ލިބުނު ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

"މި މައުލޫމާތު ލިބުމުން، ކޯސްޓްގާޑާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި، ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވި ބޭރުގެ ބޯޓަކާއި، ރާއްޖޭގެ އުޅަނދެއް ކަމަށްވާ "ހެދޭކުރި-7" ނަމަކަށްކިޔާ ދޯންޏެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި" ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަންގައި ހިފެހެއްޓުނު ބޯޓުން ކާކުކަން ދެނެގަނެވޭ ލިއުމެއްނެތް ހަމީހަކާއި، އަދި މި އޮޕަރޭޝަންގައި ހިފެހެއްޓުނު ދޯނިން ދިވެހި ދެ ފިރިހެނުންނާއި، ބަނގްލަދޭޝް 2 ފިރިހެނުން ސަލާމަތީ ބާރުތަކުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި އޮޕަރޭޝަންގައި ހިފެހެއްޓުނު ބޯޓު އަދި ދޯނިވެސް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިރޭގެ ވަގުތެއްގައި މި އުޅަނދުތައް ދޫނިދޫއަށް ގެނެވޭވަރު ވާނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް، މިމައްސަލާގައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން މިފަދަ ބަޔާނެއް މިނެރުނީ، ރާއްޖޭގެ ސިފައިންނާއި ފުލުހުންނާއި، އިންޑިއާ އަދި ސްރީލަންކާގެ ސަލާމަތީ ފަރާތްތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވަނިކޮށެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްސްއިން ބުނެފައިވަނީ، މަސްތުވާތަކެތީގެ މިއޮޕަރޭޝަން ހިންގާފައިވަނީ ޕާކިސްތާނުން ފުރައިގެން މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ބޯޓެއްގެ މައުލޫމާތު އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް ލިބުމާ ގުޅިގެން އިންޑިއާ އާއި ލަންކާ އަދި ރާއްޖޭގެ ސަލާމަތީ ފަރާތްތަކާ ގުޅިގެން ކަމަށެވެ.

އެހެން ނަމަވެސް، ފުލުހުން އާންމުކުރި ބަޔާނުގައި، މި އޮޕަރޭޝަންގައި ބޭރުގެ ފަރާތްތަކެއް ބައިވެރިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.