އިސްލާމްދީން ހިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އިސްލާމިކް މިނިސްޓްރީން ކުރާނެ ކަމަށާއި، އިސްލާމްދީން ހިމާޔަތްކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަވާ ވާހަކަތަކެއް ހިމަނައިގެން ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އެންޑީއެމްއިން ނެރުނު ރިޕޯޓެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ، އިސްލާމްދީނާ ކީރިތި ރަސޫލާ މުހައްމަދު (ޞ) އަށް ފުރައްސާރަކޮށް، ދެކެވޭ އެއްވެސް ވަހަަކައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިނުގަންނާނެ ކަމަށާއި، މިފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަައަޅާފައިވާނެ ކަމަށާއި، ކަމާބެހޭ ފަރާތްތަކުން މިމައްސަލަ ބަލަންޖެހޭ އުސޫލުގެ މަތިން ބަލަމުންގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، މިކަމާ ގުޅިގެން މީހުންނަށް ފުރައްސާރަކުރުމާއި އިންޒާރުދެމުން ބަޔަކު ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަންކަމަކީ މިނިސްޓްރީން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި، އެފަދަ ފަރާތްތަކާމެދު މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވީ އެންޑީއެމްއިން ނެރެފައިވާ ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމަށްފަހު ނެެރެފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އެހެންކަމުން އިސްކާމިކް މިނިސްޓްރީގެ ފަރާތުން ވަރަށް އިލްމީ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށާއި، އެ ދިރާސާއިން އެންޑީއެމްގެ ރިޕޯޓްގައި އެއްވެސް ރިސާޗްގެ އެތިކްސްތަކެއް ނެތްކަން ހާމަވެގެންދާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމް ދީން ހިމާޔަތްކޮށް، އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިހާތަނަށް އައިއިރުވެސް މިފަދަ ފަރާތްތަކާ މެދު އަމަލުކުރަންޖެހޭ އުސޫލުން އަމަލުކޮށްފައިވާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދައިން އަމަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިއަދުގެ މުޖުތަމައުން މިފަދަ ކަންކަން ހިނގާ މިންވަރު މަދުކުރުމަށް މިފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށްވެސް ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.