ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ދަރުބާރު ގޭގައި ފަށައިފިއެވެ.

މިއަހަރުގެ ފެއަރ ރަސްމީކޮށް ހުޅުވާފައިވަނީ މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި އެގްޒިބިޝަން އިންތިޒާމްކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްގެ ޑިރެކްޓަރ، އަހުމަދު ޖަމީލް ވިދާޅުވީ މިއީ ރާއްޖެފަދަ ކުރިއަރަމުން އަންނަ އިޤްތިސާދަކަށް ވަރަށް މުހިއްމު ފެއަރއަކަށް ވެގެންދާނެ ކަމަށާ އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިޝްތިހާރު ކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މި ފެއާގައި ޓޫރިޒަމް ސިނާއަތުގައި ބޭނުންކުރާނެ ކެއިންބުއިމުގެ ބާވަތްތަކާއި ރިސޯޓު ކޮންސްޓްރަކްޝަން އަދި ހޮސްޕިޓާލިޓީ ދާއިރާގެ ފަހުގެ ޓެކްނޮލޮޖީ ދައްކާލައެވެ.

ފެއާގައި 45 ޤައުމަކުން 45 އެގްޒިބިޓަރުންނާއި ބްރޭންޑް ބައިވެރިވެއެވެ. މީގެތެރޭގައި ޗައިނާ، ތައިލެންޑް، އޮސްޓްރޭލިޔާ، ނިއުޒިލެންޑް، ދުބާއި، އެމެރިކާ، ސިންގަޕޯރ އަދި ކެނެޑާފަދަ ޤައުމުތައް ހިމެނެއެވެ.

މިމަހުގެ 6 އިން 9 އަށް ދަރުބާރުގޭގައި ކުރިއަށްގެންދާ މި އެގްޒިބިޝަންގައި 155 ސްޓޯލް ދަރުބާރުގޭގައި ބަހައްޓާފައިވެއެވެ.

ހޮޓެލް އޭޝިއާ އެގްޒިބީޝަންގެ ތެރެއިން ޝެފުންނަށް ކުރިއަށްގެންދާ ކަލިނަރީ ޗެލެންޖްވެސް ކުރިއަށްދާނެއެވެ. މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި 400 އަށް ވުރެ ގިނަ ޝެފުން ބައިވެރިވާއިރު މި މުމަބާރާތް ޖަޖްކުރުމަށް ހަތް ދިވެހިންނާއެކު މަޝްހޫރު 20 ޖަޖަކު ހަރަކާތްތެރިވެއެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއާއެވެ.