ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ތަރި އައިމިނަތު ޝިއުރާއަކީ ފިސާރި ކަނބަލެކެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ އާ ޝިއުރާގެ ކައިވެންޏަށް ދެ އަހަރުވާން ގާތްވެފައިވާއިރު، އެ ދެމަފިރިންގެ ދަރިފުޅަށް މިހާރު 7 މަސް ވަނީ ވެފައެވެ.

ގައުމީ ބާސްކެޓްބޯޅަ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޝިއުރާ، މެދުކެނޑުމަކަށްފަހު ބާސްކެޓާ އަލުން ގުޅިފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދިޔަ ގައުމީ ޓީމުގެ ކޭމްޕްގައި އޭނާ ވަނީ ބައިވެރިވެފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކޭމްޕްގައި ޝިއުރާ ބައިވެރިވީ، އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެންނެވެ.

https://www.facebook.com/marzooq/posts/10157647412701369

ވިހެއުމަށްފަހު ޝިއުރާ އެންމެ ފުރަތަމަ ފެނިގެންދިޔައީ މާލޭގައި ކުރިއަށްދިޔަ ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބޭއްވި އޭޝިއާ މުބާރާތުންނެވެ. އެ މުބާރާތުގައި ޝިއުރާ އާއެކު އެއް ޓީމަކަށް ކުޅެފައިވަނީ އައިމިނަތު އިޝްރާއު، ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލް އެވެ.

ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ނެޓްބޯޅަ އަދި ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިވާ ޝިއުރާ އަކީ ހޭންޑްބޯޅައިގައި ވެސް އަލިގަދަ ތަރިއެކެވެ. އޭނާ ވަނީ ކުޅިވަރުގައި 12 އަހަރު ހޭދަކޮށްފައެވެ.

މީގެ ކުރިން ޝިއުރާ ވަނީ ޑިޕްރެޝަނާވެސް ހަނގުރާމަކޮށްފައެވެ. "މިހާރު" ނޫހުން ހިންގާ "ދޯ" މަޖައްލާއަށް ޝިއުރާ ދިން އިންޓަވިއުއެއްގައި ވަނީ ކުޑައިރުއްސުރެ ފެށިގެން އޭނާ ޑިފްރެޝަނާ ކުރި ހަނގުރާމަ ތަފްސީލުކޮށް ކިޔާދީފައެވެ.