އިންޑިއާގެ ވިޔަފާރީގެ މައި ހަބް ކަމަށްވާ މުމްބާއީގައި އަލަށް ގާއިމްކުރާ ބިމުއަޑީގެ ޒަމާނީ ރޭލު ވިއުގަ ބިނާކުރަން ގަސް ކަނޑަމުން ދަނިކޮށް އިންޑިއާގެ ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފިއެވެ.

ސުޕްރީމް ކޯޓުން ގަސްކެނޑުން ހުއްޓުވީ، އާންމުންނާއި، ތިމާވެށްޓަށް މަސައްކަތްކުރާ ފަރާތްތަކުން ވަރުގަދައަށް ދެކޮޅުވެރިކަން ފާޅުކުރަން ފެށުމާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ގަސްތައް ކަނޑަމުންދިޔައީ ރޭލު ވިއުގަ ބިނާކުރުމުގެ ތެރެއިން ރޭލުތައް ޕާކްކުރަން ކަނޑައަޅާފައިވާ ސަރަހައްދުންނެވެ. އެއީ، އާރޭ ނަމަކަށްކިޔާ ސަރަހައްދެކެވެ.

އެގޮތުން، އެ ސަރަހައްދުން 2،700 ގަސް ކެނޑުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ގެންދިޔައީ ކުރަމުންނެވެ.

އެހެންކަމުން، ބޮލީވުޑްގެ ފިލްމީ ތަރިންނާއި، ތިމާވެށީގެ އެކްޓިވިސްޓުންނާއި، ސިޔާސީ ފަރާތްތަކާއި އަދި އާންމުންވެސް އެކަމަށް ވަރަށް ބޮޑަށް ދެކޮޅުހަދައި ޝުއޫރު ފާޅުކުރަން ފެށިއެވެ.

އެ ހިސާބަކީ، މުމްބާއީގައި މިހާރު ހިމެނޭ، ގަސްތައް ހުރި މަދު ސަރަހައްދުތަކުގެ ތެރޭގައި ސަރަހައްދަކަށް ވުމުން، ދެކޮޅުވެރިކަން ފާޅުކުރަން ފެށި ފަރާތްތަކުން ބުނަމުންގެންދިޔައީ އެ ގަސްތައް ކަނޑާލައިފިނަމަ މުމްބާއީގެ ވައިގެ ނުސާފުމިން ހައްތަހާ ދާނީ މައްޗަށް ކަމަށެވެ.

އެކަމަކު، ރޭލު ވިއުގައިގެ މަސައްކަތް ކުރަމުންދިޔަ ފަރާތުންނާއި، މުމްބާއީ ހިމެނޭ މަހާރަޝްޓްރާ ސްޓޭޓް ސަރުކާރުން ބުނަމުންދިޔައީ، މުމްބާއީއަކީ ތޮއްޖެހުން ބޮޑު ރަށެއް ކަމަށްވެފައި، ރޭލުތައް ޕާކުރާނެ ތަން ހަދާނެ އިތުރު ބިމެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގެ ކުރިން ކަނޑާލީ ކިތައް ގަސްކަމެއް ސާފެއް ނުވެއެވެ. އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވަނީ 2،134 ގަސް މިހާރުވެސް ކަނޑާލާފައިވާ ކަމަށެވެ. ގަސް ކެނޑުން ހުއްޓުވަން އެކްޓިވިސްޓުން މަސައްކަތް ކުރުމުން ފުލުހުންވަނީ އެތައްބަޔަކު ހައްޔަރުވެސް ކޮށްފައެވެ.

އެހެން ނަމަވެސް، އިންޑިއާގެ ސުޕްރީމް ކޯޓާ ހަމައަށް މި މައްސަލަގޮސް، ސުޕްރީމް ކޯޓުން މިހާރުވަނީ އިތުރަށް އެންމެ ގަހެއްވެސް ނުކެނޑުމަށް މަހާރަޝްޓްރާ ސްޓޭޓް ސަރުކާރުގެ މައްޗަށް އަމުރު ނެރެފައެވެ. މިމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާނީ އޮކްޓޫބަރު 21 ގައި ކަމަށްވެސް އަމުރުގައި ބުނެފައި ވެއެވެ.

އޮކްޓޫބަރު 21 ގައި އިންތިޚާބު ބާއްވަން މަހާރަޝްޓްރާ ސްޓޭޓް ތައްޔާރުވަމުން ދާއިރު، ގަސްކެނޑުމުގެ މައްސަލަ މިހާރުވަނީ ސިޔާސީ މައްސަލައަކަށް ވެފައެވެ.

މުމްބާއީ މެޓްރޯ 3 އަކީ 35 ކިލޯމީޓަރުގެ މަޝްރޫއެކެވެ. މި ރޭލު ވިއުގަ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހުޅުވަން ތާވަލް ކޮށްފައި ވާއިރު، މިހާރު ދިމާވެގެން މިއުޅޭ މައްސަލާގައި އެ ވިއުގަ ހުޅުވުން ފަސްވެގެންދާނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.