ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގައި މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުރީ 181 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސައީދު ސުވާލުކުރެއްވީ ސޮވެރިން ފަންޑުގައި ހުރި ފައިސާގެ އަދަދު ސާފު ކުރެއްވުމަށެވެ. ސުވާލުކުރައްވަމުން ސައީދު ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމިގެންދިޔައިރު ސޮވެރިން ފަންޑްގައި 100 މިލިއަން ޑޮލަރު ހުންނާނެކަން ފާހަގަކުރައްވާފަ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ފަންޑުގައި 181 މިލިއަން ޑޮލަރު ހުރިއިރު އަހަރެއްގެ ތެރޭގައި އެ އަދަދު އެވަނީ ދެގުނަ ކުރެވިފައި ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ސޮވެރިން ފަންޑްގައި ހުރީ 96.3 މިލިއަން ޑޮލަރު ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގެ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި މިފަންޑާ ގުޅޭ ގާނޫނެއް މަރުކަޒީ ބޭންކް، އެމްއެމްއޭއާ ގުޅިގެން އެކުލަވާލައްވަމުން ގެންދަވާ ކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ އެއިޑް ޕެކޭޖުގެ ތެރޭގައި ހިމެނޭ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުންކުރާނީ ދިވެހި ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓަރުގެ ބޮޑެތި މަޝްރޫއުތަކަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއިޑް ޕެކޭޖުގެ އިތުރުން 200 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ ވެސް އިންޑިއާ އިން ލިބިފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. މީގެއިތުރުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް އެމްއެމްއޭ އާއި އިންޑިއާގެ ރިޒާވް ބޭންކާ ދެމެދު ހަދާފައިވާ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް 2017 ވަނަ އަހަރުގެ ތެރޭގައި އުފެއްދެވީ ސަރުކާރުން ނަގާ ބޮޑެތި ލޯނުތައް ދެއްކުމަށް ފަސޭހަކުރުމުގެ ގޮތުންނާއި ފައިސާ ދެއްކެނޭ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ. އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ މިފަންޑުގެ ތެރެއިން ފައިސާ ދެއްކުމަށް ނިންމާފައިވާ ބޮޑެތި ލޯންތަކުގެ ތެރޭގައި ސިނަމާލެ ބްރިޖު ހެދުމަށް ނެގި ލޯނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ނެގި ލޯން ހިމެނެ އެވެ.