ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް "ދިރާގު ޕޭ" ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ގޮތްތަކެއް ތައާރަފުކޮށްފި އެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ.

ރާއްޖޭގައި ނިއަ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާ އެކު ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.

ދިރާގުން ބުނީ ދިރާގު ޕޭ ގެންގުޅޭ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާޑް އަދި ބޭންކް ޓްރާސްފާސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެ ކަމަށެވެ. މި ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޭޝްއިން ކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުން މި ޚިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސް އިތުރު ފީޗާސް ތައް ދާދި ފަހުން ތައާރަފްކޮށްފައިވާ ކަމަށްވެސް ދިރާގުން ބުނެ އެވެ. އެގޮތުން މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ދިރާގު ޕޭގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވެ އެވެ. އަތޮޅާއި ރަށް ފިލްޓަރ ކޮށް އަދި އެޖެންޓްންނާއި މާޗަންޓްސްގެ ނަން ޖަހައިގެންވެސް އެޕުން ހޯދާލެވެ އެވެ.

މީގެ އިތުރުން، ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވައިދެވޭ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ދިރާގުގެ ޕޭ ޑިޖިޓަލް ވޮލެޓަކަށް ތިން އެންއެފްސީ ކާޑު ނުވަތަ ސްޓިކަރު މިހާރު ރަޖިސްޓާކޮށް ގުޅުވާ ލެވޭނެ އެވެ. އަދި ހަމަ އެއާ އެކު ކޮންމެ ކާޑަކަށް ވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމިޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ. މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާ އެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގު ޕޭގެ ހިދުމަތް ދިރާގުގެ ކަސްޓަމަރުންނާ އެއްފަދައިން އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ. ދިރާގު ޕޭގެ ޚިދުމަތެއް ހޯދުމަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ދިރާގުގެ ކަސްޓަމަ ސާވިސް އޮފީހަކަށް ޒިޔާރަތް ކުރުމަށްފަހު ދިރާގު ޕޭގެ ޚިދުމަތަށް ރަޖިސްޓާ ކުރެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.