ވެސްޓް ޕާކް ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ގާޑިޔާތައް އެ ސަރަހައްދުން ނަގަން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެސްޓް ޕާކް ސަރަހައްދުގައި ހުރި ގާޑިޔާތަކުގެ ސާފުތާހިރުކަން ކުޑަވެ ގާޑިޔާތަކުން ކާބޯތަކެތީގެ ހިދުމަތް ދިނުން ސިއްހީ ގޮތުން ރައްކާތެރި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ގާޑިޔާތައް ނެގުމަށް ސިޓީ ކައުންސިލުން އަންގާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ. މިމުއްދަތުގެ ތެރޭގައި ގާޑިޔާތައް ނުނަގައިފިނަމަ ކައުންސިލުން ގާޑިޔާތައް ނަގައި އެ ސަރަހައްދު ސާފުކުރުމަށްފަހު ކުނިތައް ނައްތާލާނެ ކަމަށްވެސް ބުނެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ވެސްޓް ޕާކް ސަރަހައްދުގައި ގާޑިޔާތައް ހިންގަމުން ގެންދާ ފަރާތްތަކާ އެކު ކައުންސިލުން ހަދާފައިވާ އެއްބަސްވުމެއް މިހާރު ނޯންނާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ގާޑިޔާތައް ބަހައްޓައިގެން ވިޔަފާރިކުރަމުން ދިޔައީ ދީފައިވާ ވަގުތީ ހުއްދައެއްގެ ދަށުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

މާލޭގައި ގާޑިޔާތައް ފުރަތަމަ ހިންގަމުން ގެންދިޔައީ މާލޭގެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގާއި ރާޅުގަނޑު ސަރަހައްދުގަ އެވެ.

މިސަރަހައްދުން ގާޑިޔާތައް ނެގުމަށްފަހު އެ ސަރަހައްދުތަކަށް ގާޑިޔާތައް ބަދަލުކުރީ ސިނަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށާއި ބްރިޖާ ގުޅިފައިވާ ރިންގް ރޯޑް ހެދުމަށެވެ.

މާލެ ސިޓީ ކައުންސިލުން މީގެކުރިން ވަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓް ވެސްޓް ޕާކް ސަރަހައްދަށް ބަދަލުކުރުމަށް ނިންމާ، އެ ސަރަހައްދުގައި ހުރި ގާޑިޔާތައް ނަގަން އޭރުވެސް އަންގާފަ އެވެ. ނަމަވެސް ވެސްޓް ޕާކްގައި މާރުކޭޓް ހެދުމަށް އެ ބިން ހަމަޖެހޭ ގޮތް ނުވީ އެވެެ.