ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު ޔޫތު ލީގުގެ 14 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ފުޓްބޯލް އެކަޑަމީން ހޯދައިފި އެވެ.

އެފްއޭއެމުން ޔޫތު ލީގު ތައާރަފުކުރީ މިދިޔަ އަހަރުއެވެ.

ޔޫތު ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ލީގު ފެށިއިރު، މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުން އެކަންޏެވެ. އެކަމަކު މިއަހަރު 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ މުބާރާތް ވަނީ ބާއްވާފައެވެ.

14 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅުނުއިރު، މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދީ ފައިނަލް މެޗުގައި ހުޅުމާލޭ ސްޕޯޓްސް ސްކޫލާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިޔާން ހަސަން އެވެ. އަދި އޭގެ ތިންމިނެޓު ފަހުން އިޔާން ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ.

14 އަހަރުން ދަށުގެ މުބާރާތް ރޭ ނިމުނުއިރު، 12 އަހަރުން ދަށުގެ މުބާރާތުގެ ކުޅުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިފަހަރުގެ ޔޫތު ލީގުގައި 11 އެކަޑަމީއަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބީޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، މާޒިޔާ ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.

މިދިޔަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ.