ރެމިޓެންސް ޓެކްސް އާއިއެކު އިތުރު ފަސް ޓެކްސް އެއް އުވާލަން މަޖިލީހަށް ހުށައަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި "ނުވަގަޑި"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފުވެ އަންނަ އަހަރުގެ ތެރޭގައި ޓެކްސް ނެގެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާމްދަނީން ޓެކްސް ނަގަން ފެށުމާއެކު މިހާރު އޮތް ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގާނޫނު އުވޭނެކަމަށެވެ. އެއާއެކު ރެމިޓެންސް ޓެކްސްގެ އިތުރަށް، ލޭންޑް ސޭލްސް ޓެކްސް، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން ޕެޓްރޯލިއަމް ޓެކްސް އުވާލަން މަޖިލީހަށް ހުށައަޅަން ނިންމާފައިވާކަމަށް ޖަމީލް ވިދާވިއެވެ.

ރެމިޓެންސް ޓެކްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާޓެކުހެކެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައެވެ.

ރެމިޓެންސް ޓެކްސް ނެގުމާއެކު، ރާއްޖެއިން ބޭރަށް ފޮނުވާލާރި، ނުވަތަ ބޭންކުތައް މެދުވެރިކޮށް ފޮނުވާލާރި ވަރަށް ބޮޑުތަނުން މަދުވާން ފެސިކަމަށް އަރުޝަދު ވިދާޅުވިއެވެ. އަދި ރެމިޓެންސް ޓެކްސް ނަގަން ފެށުމުން ނޭދެވޭ ގިނަ ކަންތައްތަކެއް ހިނގައިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އަރުޝަދު ވިދާޅުވީ ލޭންޑް ސޭލްސް ޓެކްސް އުވާލި ނަމަވެސް އިންކަމް ޓެކްސްގެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައިވާ ކެޕިޓަލް ގެއިން ޓެކްސް އާއެކު އެއްވެސް މުދަލެއް ތަަސައްވަރުކޮށްގެން ލިބޭ ފައިދާއިން ޓެކްސް ނަގާނެ ކަމަށެވެ.

އަރްޝަދު ވިދާޅުވީ އިންކަމް ޓެކުހުގެ ގޮތުގައި އަހަރެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ތައާރަފު ކުރަން ސަރުކާރުން ނިންމި ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާދިނީ ޑުއަލް ޓެކްސް ނިޒާމެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދި އެ އިދާރާއިން ލަފާދިނީ އާމްދަނީ 10،833 ރުފިޔާ އަށްވުރެ މަތިން ލިބޭނަމަ، އިންކަމް ޓެކްސް ނެގުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސޯދަށް ބެލުމަށްފަހު ސަރުކާރުން އިންކަމް ޓެކްސް ނަގާނީ ކޮންބައެއްގެ އަތުންތޯ ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ އާމްދަނީ ލިބޭ އާބާދީ އަކީ ދެލައްކަ ކަމަށާއި، އޭގެތެރެއިން އިންކަމް ޓެކްސް ދައްކަންޖެހޭނީ 6،000 އެއްހާ މީހުންކަމަށް އަރުޝަދު ވިދާޅުވިއެވެ.

އާމްދަނީއިން ޓެކްސް ނަގަން ފަށަނީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގައިކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި ޓެކްސް ނަގަން ފަށާއިިރު ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް ރާއްޖެއިން ބޭރުން ލިބޭ އާމްދަނީންވެސް ޓެކްސް ނެގޭނެކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުން ޓެކްސް ނަގާނީ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީ އިންނެވެ.

އަރުޝަދު ވިދާޅުވީ މިކަން މިހެން އޮތްނަމަވެސް ރާއްޖެއިން ބޭރުން ލިބޭ އާމްދަނީތަކުން ޓެކްސް ދައްކާނަމަ، އެ ޓެކްސް ރާއްޖެއިން އަލުން ނުނަގާނެ ކަމަށެވެ. އިންކަމް ޓެކްސް ނަގާއިރު ވަޒަންވެރިވުން ކަމުގައި ބަލަނީ ދާއިމީކޮށް ރާއްޖޭގައި ދިރިއުޅޭ، ނުވަތަ އަހަރެއްގެ 183 ދުވަހު ރާއްޖޭގައި ހުރެއްޖެ ނަމައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފުން ނުވަތަ އޮފިޝަލުންގެ އަތުންނެވެ.

ކުންފުނިތަކަށް ލިބޭ އާމްދަނީ އިން ޓެކްސް ނަގާއިރު ބަލާނީ ރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ، ކުންފުނީގެ ހެޑް އޮފީސް ރާއްޖޭގައި ހުރެ ހިންގުމާއި ކޮންޓްރޯލް ރާއްޖޭގައި އޮތް ކުންފުނިތަކާއި ޕާޓްނާޝިޕެއް ނަމަ ރާއްޖޭގައި ހަދާފައިވާ ޕާޓްނާޝިޕަކަށެވެ. ނުވަތަ ރާއްޖޭގައި އެ ޕާޓްނާޝިޕްގެ ކޮންޓްރޯލު އޮންނަ ނަމަ އެފަދަ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިންވެސް ޓެކްސް ނަގާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.