އެނގިވަޑައިގަންނަވާނެ. އިރުވައި މިހާރު މިވަނީ ވަރަށް ގާތްވެފަ. އަޅުގަނޑު މިއަދު އޮފީހަށް މަޖިލީހަށް އައިއިރުގަ ދޮންދޫނި ދުށިން"
މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު.

ކޮންމެ އިރުވައި މޫސުމެއްގައިވެސް ދޮންދޫނި އާދަޔާ ޚިލާފަށް ރާއްޖެއަށް ހިޖުރަކުރެވެ. ކޮންމެ އިރުވައި މޫސުމަކަށް ދޮންދޫނި ނިކުންނަ ގޮތަށް، ރާއްޖޭގެ ސިޔާސީ ވެެރިންވެސް ކޮޅުކޮޅުމަތިން ނިކުންނަވާކަމަށްވެއެވެ. އެހެންކަމުން ފަހަރުގައި މަޖިލީހުގެ ރައީސް އެ މިސާލު ޖެއްސެވީ އެ ދެ މާނައިގައި ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އިރުވަޔަށް ދޮންދޫނި ނިކުންނަ ވާހަކަ މަޖިލީހުގެ ރައީސް ވިދާޅުވުމުން އަޅުގަނޑުގެ ހަަނދާނަށް އައީ ކުޑައިރު، ކިރުއިލޮށިން ދޮންދޫނި ހިފަން ނިކުންނަ ހަނދާނެވެ. ވާރޭ ވެހުމަށްފަހު ރަށުގެ މަގުތަކުގައި ހެދިފައި ހުންނަ ފެންގަނޑުގަނޑަށް ތިރިކޮށް ފެންބޮއެ، އެސޮރުމެންގެ ސޫރަބަލާ މަންޒަރާއި، ބޯމަތިން ސާލެއްހެން އެސޮރުމެން އުދުހޭ މަންޒަރު ސިފަވިއެވެ. ކުޑަކަމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ޒަމާނުއްސުރެ ރަށުގައި އޮންނަ އާދައަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ކުދިބޮޑު އެންމެންނާއި އަންހެނުން އަދި ފިރިހެނުންވެސް އޭރު ނިކުންނާނީ ކިރުއިލޮށި ހިފައިގެން ދޮންދޫނި ހިފާށެވެ.

ދޮންދޫނި ހިފަނީ، ބަނބުކެޔޮ ގަހުގެ ކިރު ނަގައި ހިއްކައި، އެ ތައްކޮށް އެެއިން ތެރަސް ހަދައިގެންނެވެ. ބަނބުކެޔޮ ތެރަސް ހަދަންވެސް މޮޅެތި ކުދިން އުޅެއެވެ. އެގޮތުން ތެލާއި އޭތި މީތިއެއްކޮށް، ކިރުގަނޑު ތަތްޔާރުކުރުމަށްފަހު، ދިގު ހިމަ އިލޮއްޓެއްގައި ވަކި ގޮތަކަށް ކިރު ހާކަން އެނގުމަކީވެސް ހުނަރެކެވެ.

ފުރަމަ ދޮންދޫނި އައުމުގެ ކުރިން ބަނބުކެޔޮ ގަހުން ކިރު ނެރެނީ. ގަހުގައި ހުރެގެން ވަކިވަރަކަށް ހިކުނީމަ ކިރު ގަށަނީ. . ގަށާފަ ކާށިތެޔޮ އަޅާފަ އިތުރަށް ގަށަނީ. ދެން މަށާފަ ހުންނަ އިލޮށީގެ އެއްކޮޅުގައި ކުއްޖަކު ހިފައިގެންހުރެ އިލޮށީގަ ހާކަބީ. ދެން އެއަށްފަހު ދިގުކޮށް ހުންނަ ހިމަ ދަނޑީގެ ކޮޅުގަ ޖަހަިއގެން ހިފަނީ."
ލ. ފޮނަދޫ އަހުމަދު ރަޝީދު.

ޒަމާންވީ އާދަކާދަ ދިރުވައި އާލާކުރުން ރަނގަޅެވެ. ނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު، ހޭލުންތެރިކަމާއި ދުނިޔޭގެ ކަންކަން ހިނގަމުންދާގޮތުން ބައެއް ފަހަރު ދޫކޮށްލަންޖެހޭ އާދަތައް ހުންނާނެއެވެ. އެގޮތުން ކުރީ ޒަމާނުގައި ދޮންދޫނި ހިފަން ނިކުތަސް، އެއީ މާނައެއް އޮތް ކަމަކަށް މިހާރު ގިނަ ދިވެހިން ނުދެކެއެވެ. ސަބަބަކީ އެ ސޮރުމެން ހިފައިގެން ކުރެވޭނެ އެއްވެސް ބޭނުމެއްނެތުމެވެ. އެހެންކަމުން އިރުވައިގައި ނިކުމެ ދޮންދޫނި ހިފުމަށްވުރެ، އެ ހިތްގައިމު މަންޒަރު ބަލަން ތިބުމަކީ ހުރިހާ ގޮތަކުންވެސް މާ ފައިދާކުރާނެ ކަމަކަށްވާނެއެވެ.

ކުރިން ދޮންްދޫނި ހިފިއަސް މިހާރަކު އެކަމެއް ކުރާނެ ކަމެއް ނެތް. ކާފަދަރިން މާމަދަރިން ގޮވައިގެން ނިކުމެ އެ މަންޒަރު ބަލަން ތިބުންވެސް މާހިތްގައިމުވާނެ."
އަބުދުﷲ ސޯދިގު (ސޯދުބެ)

އިރުވަޔަށް އެތަކެއް މިލިޔަން ދޮންދޫނި ރާއްޖެ އަންނަނީ އެތަކެއް ހާސް ކިލޯމީޓަރަށް ކަނޑު ހުރަސްކުރުމަށްފަހުގައި ކަމަށް ބަޔޮލޮޖިސްޓުން ބުނެއެވެ. އަދި ބައިބޯކޮށް އުދުހި އުޅޭ މި ކުދިކުދި ދޮންދޫނިތައް ވެގެންދާނީ މާސިންގާ ބިޔަ ކަނޑުތައް ހުރަސްކޮށް ހިޖުރަކުރާ ފުރަތަ ސޫތްޕަށްވެސް ބުނެވެއެވެ.

ބައޮލޮޖިސްޓެއް ކަމަށްވާ، ޗާރލްސް އެންޑަރސަން ވަނީ ދޮންދޫނީގެ މި ހިޖުރަކުރުމާއި ބެހޭ ތަފްޞީލްތަކެއް ’ދަ ޖަރނަލް އޮފް ޓްރޮޕިކަލް އިކޮލޮޖީ‘ ގައި ޝާއިޢު ކޮށްފަ އެވެ. ފްރީލާންސްކޮށް މަސައްކަތް ކުރަމުން އަންނަ ބައޮލޮޖިސްޓް ޗާލްސް ވަނީ ދިވެހިރާއްޖޭގެ މެރިން ރިސަރޗް ސެންޓަރުގައި ރާއްޖޭގެ ކަނޑުތަކުގެ ދިރުމާއިބެހޭ ދިރާސާ އެއް ކޮށްފައެވެ.

އެންޑަރސަން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ދޮންދޫނި އަންނަނީ ދެކުނު އިންޑިއާ އިން ރާއްޖޭގެ ވެރިރަށް މާލެ އަށެވެ. އަދި މާލެ އިން ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކަށް ދޮންދޫނިތައް ދަތުރުކުރެއެވެ. އެތަކެއް އަހަރެއް ވާންދެން އެންޑަރސަން ރާއްޖެއަށް އެކިފަހަރު މަތިން ޒިޔާރަތްކޮށް ކުރި ދިރާސާގެ އަލީގައި އޭނާ ބުނެފައިވަނީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ ވެރިރަށް މާލެއިން ދޮންދޫނި ފެންނަން ފަށަނީ އޮކްޓޯބަރ 04 އާއި 23 އާއި ދެމެދުގައި ކަމަށެވެ. އަދި އެއްމެ ގިނަ އަދަދަކަށް ދޮންދޫނި އަންނަނީ އޮކްޓޯބަރ 21 ހިސާބުގައެވެ. އަދި އެ ސޫފިތައް ރާއްޖެ އަށް އަންނަނީ ރާޅުބާނިތަކެއް ފަދައިން ބައިބަޔަށެވެ.

”އެކަމަކު އަހަންނަށް ވާހަކަ ދައްކައިލެވުނު އެކަކަށްވެސް ބުނާކަށް ނޭނގުނު އެ ދޮންދޫދިތައް އަންނަނީ ކޮން ތަނަކުންކަމެއް،“
ބައޮލޮޖިސްޓް އެންޑަރސަން.

އިރުވައި މޫސުމާއި އެކު މަދިރީގެ އުނދަގޫވެސް އިންތިހާއަށް ފޯރާއިރު، ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ، އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮންމެ އަހަރަކުވެސް އަންގަމުން އަންނަ އެންގުމެކެވެ. އެގޮތުން މިއަހަރުވެސް އެ އެންގުން ތަކުރާރު ކުރާނެކަމަށް އިޕީއޭއިން ވަނީ ބުނެފައެވެ.

ދުރު ރާސްތާއަކަށް ދަތުރުކޮށްފައި އިރުވަޔަށް ދޮންދޫނިތައް ރާއްޖެ އަންނައިރު، މި ދުވަސްވަރަކީ ހުޅަނގު މޫސުގެ ވިއްސާރައަށްފަހު މަދިރި އެންމެގިނައިން އާލާވޭ މަދިރީގެ އުނދަގޫ ފޯރާ ދުވަސްވަރެވެ. ދޮންދޫނީގެ މައިގަނޑު ކާނާ އަކީ މަދިރި ފަންޏާއި ތަފާތު ވައްތަރު ކުދިކުދި ފަނިފަކުސާ އެވެ.

އެހެންކަމުން އިރުވަޔަށް އިލޮށީގައި ކިރުޖަހައިގެން ދޮންދޫނި ހިފަން ނިކުތުމުގެ ބަދަލުގައި، މަދިރީގެ ސަބަބުން އިތުރުވާ ބަލިތަކުން ސަލާމަތްވެ ތިބުމަށްވެސް، ދޮންދޫނި ތަކަށް ހިމާޔަތްދީ އެފަދަ ދޫނިތަކަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.