ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޮކްޓޯބަރު 12 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ރަސްފަނު ބޭރުން ކަނޑުގެ ސަރަހައްދުގައެވެ. މި މުބާރާތުގެ ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ހަޔަކުން ފެށިގެން ގޮސް މެންދުރު އެގާރަ ޖަހަންދެން މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފައެވެ. ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ދެ އިވެންޓެކެވެ.

އެގޮތުން 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރަށް 20 އަހަރުން ދަށުގެ އުމުރުފުރާއާއި 39 އަހަރުން ދަށާއި 49 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރަށް 50 އަހަރުން މަތީގެ އުމުރު ފުރާއަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ 1 ކިލޯމީޓަރުގެ އިވެންޓަކާއި 500 މީޓަރުގެ އިވެންޓެކެވެ.

ޖުމްލަ 198 މީހުން ބައިވެރިވެފައިވާ މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނަށް ހޮވާއިރު ހުރިހާ އުމުރުފުރާއެއް އެއްކޮށް މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ އަންހެން އަދި ފިރިހެން ހޮވަން ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ފެތުންތެރިއަކަށްވެސް ވަކި ހާއްސަ ބޮއެކާއި ސްވިމިން ކެޕެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތާއި ގުޅިގެން ބޭއްވު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުބާރާތް އިންތިޒާމުކުރާ އިންތިޒާމުކުރާ ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް ވާދަވެރި އަދި ރައްކާތެރި މާހައުލެއްގައި ފެތުމާއި، މޫދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި މިބާރާތުގެ މެއިން ސްޕޮންސާ، ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ސީނިއާ މެނޭޖާރ މިރުޝާން ހަސަން ވިދާޅުވީ ސްވިމް މޯލްޑިވްސްއިން ދިރާގަށް މިފަދަ ފުރުސަތެއް ދިނުމަކީ ވަރަށް އުފާވާ ކަމެއް ކަމުގައެވެ. ޒުވާނުންނާއި ކޮންމެ އުމުރެއްގެ މީހުންގެ ވެސް ދުޅަހެޔޮކަމަކީ ދިރާގުން އެކަމަކަށް ވަރަށް ބޮޑުއިސްކަމެއްދޭ ކަމެއް ކަމަށެވެ. އެފަދަ ކުޅިވަރުތަކަށް ދިރާގުން ހާއްސަކަމެއް ދެމުން އަންނަ އިރު ރާއްޖެަދަ ޖަޒީރާ ގައުމެއްގައި ފެތުމުގެކުޅިވަރެއް ކުރިއަށް ގެންދިޔުމަކީ ދިރާގަށްވެސް އެ ކުޅިވަރު ވަރަށް ހާއްސަ ވެގެންދާ ކަމެއް ކަމަށެވެ.

ސްވިމް މޯލްޑިވްސްއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުމުގެ އޯޕަން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ބ. އޭދަފުށިން ބ. ކެންދޫއާ ހަމައަށް ކުރިއަށް ގެންދިޔަ ފެތުމުގެ ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފެތުމުގެ ހަރަކާތެވެ އަދި އޭގެ ފަހުން ވަނީ ކ. ގުޅިން ކ. މާފުއްޓާ ހަމައަށް ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.