ޗައިނާގެ ބައިމަދު މުސްލިމުންނާމެދު ހިންގާ އިންސާނިއްޔަތާ ޚިލާފް އަނިޔާވެރި އަމަލުތަކުގެ މައްސަލާގައި އެމެރިކާ ސަރުކާރުން ޗައިނާގެ 28 ކުންފުންޏަކާއި، މުއައްސަސާއެއް ބްލެކްލިސްޓް ކޮށްފިއެވެ.

މި ކުންފުނިތަކަކީ، ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ދިރިއުޅޭ އުއިޣުރު ދަރިކޮޅުގެ މުސްލިމުންނާއި، ބައިމަދު އެހެން ނަސްލުތަކުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފް އަނިޔާވެރި އަމަލުތައް ހިންގުމުގައި ބައިވެރިވާ ކުންފުނިތަކާއި، މުއައްސަސާތައް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާ ސަރުކާރުގެ ކޮމާސް މިނިސްޓަރ ވިލްބަރ ރޮސް ވިދާޅުވީ، ޗައިނާގައި ދިރިއުޅޭ ބައިމަދު ދަރިކޮޅުތަކާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން އެމެރިކާއިން ބަލައިނުގަންނާނެ ކަމަށެވެ.

އެހެންކަމުން، މިމައްސަލާގައި އެމެރިކާއިން ބްލެކްލިސްޓްކުރި ޗައިނާގެ ކުންފުނިތަކާއި، މުއައްސަސާތަކަށް އެމެރިކާގެ އުފެއްދުންތައް ގަތުމަށް ހުރަސްއެޅިގެން ދާނެއެވެ.

އެމެރިކާއިން ބްލެކްލިސްޓްކުރި ޗައިނާގެ ކުންފުނިތަކުގެ ތެރޭގައި، ޗައިނާގެ ވީޑިއޯ ސާވެއިލެންސް ކުންފުނި، ހިކްވިޜަންއާއި، އާރޓިފިޝަލް އިންޓެލިޖެންސް ކުންފުނިތައް ކަމަށްވާ މެގްވީ ޓެކްނޯލޮޖީއާއި، ސެންސްޓައިމް ވެސް ހިމެނެއެވެ.

ބްލެކްލިސްޓްކުރި ތަންތަނުގެ ތެރޭގައި، ޝިންޖިއާންގައި އާންމު ސަލާމަތާބެހޭ 18 ބިއުރޯއާއި، ޕޮލިސް ކޮލެޖެއްވެސް ހިމެނެއެވެ.

ބްލެކްލިސްޓްކުރި ޗައިނާގެ ކުންފުނިތަކާއި، އެހެން ތަންތަނުގެ ފުރިހަމަ ލިސްޓް އެމެރިކާގެ ފެޑެރަލް ރަޖިސްޓަރ މާދަމާ އާންމު ކުރާނެ ކަމަށް މީޑިއާއިން ބުނެއެވެ.

އެމެރިކާއިން ޗައިނާގެ 28 ފަރާތެއް ބްލެކްލިސްޓް މިކުރީ، ވިޔަފާރީގެ މައްސަލަތަކާއި، ޝިންޖިއާންގެ މުސްލިމުންގެ މައްސަލާގައި ޗައިނާއާއި އެމެރިކާއާ ދެމެދު ބޮޑެތި އަރާރުންތަކެއް ހިނގަމުންދާ ދުވަސް ވަރެއްގައެވެ.

އަދި މިފަދަ ފިޔަވަޅެއް އެމެރިކާއިން މި އެޅީ، ދެފަރާތުގެ ދެމެދުގައި ބުރާސްފަތިދުވަހު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށްވެސް މެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވަނީ، ޗައިނާއިން މިލިއަނަކަށްވުރެ ގިނަ އުއިޣުރު މުސްލިމުންނާއި، ބައިމަދު އެހެން ނަސްލުތަކުގެ މުސްލިމުން "އިސްލާހްކުރުމުގެ" ނަމުގައި ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. މިކަން އެމެރިކާއިން ސިފަކުރަނީ ނާޒީ ޖަރުމަނުގައި ހިޓްލަރު ކަންތައްކުރި ގޮތާއެވެ.

މިފަދަ ކޭމްޕްތަކެއް ހިންގާ ކަމަށް ޗައިނާއިން ކުރިން ދެކޮޅުހެދި ނަމަވެސް ފަހުންވަނީ އެކަމަށް އިޢްތިރާފް ވެފައެވެ. ބުނެފައިވަނީ، އެއީ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކެއް ކަމަށެވެ.

މިދިޔަމަހުގެ ފަހުކޮޅު ބޭއްވި އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދުނިޔޭގެ ގައުމުތަކުގެ ވެރިން ނިއުޔޯކަށް ވަޑައިގެން ތިއްބެވި ދުވަސްވަރު، އުއިޣުރު މުސްލިމުން ތަހައްމަލް ކުރަމުންދާ އަނިޔާއާއި ވޭންތަކުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމެރިކާގެ ޚާރިޖިއްޔާއިން ޚާއްސަ ހަރަކާތެއްވެސް ބާއްވާފައި ވެއެވެ.

އެގޮތުން، އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނާއިބް ޖޯން ސުލިވާންވަނީ، އުއިޣުރު މުސްލިމުންގެ ކެކުޅުންތަކާއި، މުސްލިމުން ހޭދަކުރަމުންދާ ބިރުވެރި ހާލަތުގެ ވާހަކަ ދުނިޔެއަށް ހާމަކޮށް ދެއްވާފައެވެ.

"ޝިންޖިއާންގައި ޗައިނާ ސަރުކާރުން މުސްލިމުން ނަމާދުކުރިޔަވެސް ނުދޭ. ޤުރުއާން ކިޔެވުމަށްވެސް ގެންދަނީ ހުރަސްއަޅަމުން. ޗައިނާ ސަރުކާރުންވަނީ މުސްލިމުންގެ އެތައް މިސްކިތެއް އެއްކޮށް ހަލާކުކޮށްލާފައި ނުވަތަ ބޭނުން ނުކުރެވޭވަރު ކޮށްލާފައި. މިއީ، ކޮމިއުނިސްޓް ޕާޓީން ރާވައިގެން ހިންގާ އަމަލުތަކެއް" ސުލިވާން ވިދާޅުވިއެވެ.