ސަރުކާރުން އައްޑޫ ސިޓީގައި ހަދާފައިވާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ މެދުގައި ފްލެޓް ނަންބަރު ކަނޑައެޅުމަށް ގުރުނެގުން މިރޭ ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ސ. ހިތަދޫގައި އިމާރާތްކޮސްފައިވާ 264 ފްލެޓާއި ސ. ހުޅުމީދުގައި އިމާރާތްކޮށްފައިވާ 48 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފްެލްޓް ލިބުނު ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ލިބޭ ފްެލްޓް ނަންބަރު ކަނޑައެޅުމަށްޓަކާ ބާއްވާ ގުރުނެގުން މިރޭ ފަށާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، މިރޭ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސ. ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ކަމަށެވެ. މި ފްލެޓްތަކުގެ ގުރުނެގުން އޮންނާނީ މިރޭ 8:30 ގައި ނޫރާނީ ސުކޫލްގައި ކަމަށެވެ. އަދި ސ. ހުޅުމީދުގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ގުރު ނެގުން އޮންނާނީ މާދަމާ ހެނދު ހުޅުދޫ ސުކޫލްގައި ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

އައްޑޫން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓާއި، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓާއި، އަވަށު އޮފީސްތަކާއި، ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައިވެސް އާންމުކޮށްފަ އެވެ.

އައްޑޫ ސިޓީން ދޫކުރާ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާ އެވެ. އަދި މަހު ފީގެ ގޮތުގައި 3،000 ރުފިޔާ ދައްކަންޖެހެ އެވެ.