އިންކަމް ޓެކްސް ދައްކަން ސަރުކާރުން ހުށައެޅީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާނެކަމަށެވެ. އަދި އިންކަމް ޓެކްސް ނަގާނެ އާމްދަނީގެ އަދަދު ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ބަލާ، ދިރާސާކޮށްފައި ކަމަށެވެ.

އަރުޝަދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައި ވަނީ މަހަކު 40،000 ނުވަތަ އަހަރަކު 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖޭގައި އިންކަމް ޓެކްސް ނަގާ ސީލިންގެއްގެ ގޮތުގައި ލަފާ ދީފައި ވަނީ 10،833ރ. އެވެ. ނަމަވެސް ސަރުކާރުންވަނީ އެ އަދަދު 40،000ރ. އަށް ހަމަޖައްސަން ނިންމައިފައިވާކަމަށް އަރުޝަދު ވިދާޅުވިއެވެ.

ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، އާމްދަނީގެ ގޮތުގައި 40،000 އަށް ވުރެ ދަށުން ލިބޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނުނަގާނެ އެވެ. އާމްދަނީގެ ގޮތުގައި 40،000 އާއި 60،000 އާއި ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ 8 އިންސައްތައެވެ. އަދި 100،000 އާއި 60،000 ދެމެދުގެ އާމްދަނީީ ލިބޭ ފަރާތްތަކުން ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 އިންސައްތައެވެ. މީގެ އިތުރަށް 100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 އިންސައްތަ ކަމަށް ވަނީ ކަނޑައަޅާފައެވެ.

"ރާއްޖޭގެ އާމްދަނީ ލިބޭ އާބާދީއަކީ ދެލައްކަ. މީގެ ތެރެއިން އިންކަމް ޓެކްސް ދައްކަންޖެހޭނީ 6،000 އެއްހައި މީހުން. މިސާލަކަށް މިނިސްޓަރެއްގެ މުސާރައަކަށް ދައުލަތުން މިލިބެނީ 66،000 ރުފިޔާ. އަޅުގަނޑުމެން މި ހުށަހަޅާ ބްރެކެޓުން ވިއްޔާ މިނިސްޓަރުން މަހެއްގެ މައްޗަށް 2200 ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ".
ފިނޭންސް މިނިސްޓްރީގެ ޓެކްސް ކޮންސަލްޓަންޓް އަރުޝަދު ޖަމީލް ވިދާޅުވިއެވެ.

އަރްޝަދު އިތުރަށް ވިދަޅުވީ މާލޭގައި ގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ގޭބީސީއެއްގެ ހަރަދު އެވްރެޖުކޮށް މަހަކު 41،570ރ. އަށް އަރާ ކަމަށެވެ. އެއީ ގާތްގަނޑަކަށް ފަސް ވަރަކަށް މީހުން ދިރިއުޅޭ ގެއެއްގެ ތިން މީހަކަށް ލިބޭ އާމްދަނީ ކަމަށެވެ. އެހެންވެ އިންކަމް ޓެކްސް ދައްކަންޖެހޭ މީހުން ކަނޑައެޅުމުގައި ދިރިއުޅުމުގެ ފެންވަރާއި ކުރާ ހަރަދުތަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.