ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލާ މީހުންނަށް ހިމާޔަތްދިނުމަށް އެކުލަވާލާފައިވާ "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މިބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން ތަޅުމުން މިބިލް ފާސްކުރީ ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލަށް ގެނައި ބައެއް ބަދަލުތަކާ އެކު އެވެ.

ކޮމިޓީ މަރުހަލާގައި މިބިލަށް ގެނައި ބައެއް އިސްލާހުތަކުގެ ތެރޭގައި މިބިލަށް އަމަލުކުރުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް މިބިލްގެ ބާރު ނުހިގާ ގޮތް ހަދާފައިވެ އެވެ. އަދި މިބިލް ގާނޫނަކަށް ވުމުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދުމަށް އޮތް އޮތުން ވެސް މިހާރު ވަނީ އޮސްލާހުކޮށްފަ އެވެ. އެގޮތުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ނަމުގައި ހަދާ ޔުނިޓް ހަދާނީ އެޗްއާރްސީއެމްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ކަމަށްވެސް ބިލްގައިވެ އެވެ. މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 21 ދުވަހުގެ ތެރޭގައި މި ޔުނިޓުގެ އިސްވެރިޔާ އެޗްއާރްސީއެމުން އައްޔަންކުރަންޖެހޭނެ ކަމަށްވެސް ބިލްގައިވެ އެވެ. ވިސްލްބްލޯ ކުރާ މީހުންނަށް ގާނޫނުން ލިބޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އެފަދަ މީހުން ދޭ މައުލޫމާތު ބަލައިގަނެ ކަމާ ގުޅޭ އިދާރާތަކަށް ކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަކީ މިޔުނިޓްގެ މައިގަނޑު މަސައްކަތް ކަމަށްވެސް ބިލްގައިވެ އެވެ.

މިބިލްގައި ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅޭނެ ގޮތްތައް ކަމަށް ބަޔާންކޮށްފައިވަނީ ސިޓީ އާއި، ފެކްސް މެސެޖާއި، ފޯނުކޯލު، އިންޓަނެޓް މެދުވެރިކޮށްގެން ގުޅޭގުޅުމާއި، އެސްއެމްއެސް ނުވަތަ އެމްއެމްއެސް، އިލެކްޓްރޯނިކް މެއިލް ނުވަތަ އިލެކްޓްރޯނިކް މެސެޖް، އޯޑިއޯ ފައިލާއި، ވީޑިއޯ ކްލިޕް އަދި ހާޒިރުވެގެން ހުރެ އެވެ.

މިބިލްގައި ވިސްލްބްލޯ ކުރެވޭނެ ތިން ފަރާތެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެ ތިން ފަރާތަކީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފަކާއި، އަމިއްލަ ފަރާތެއްގެ މުވައްޒަފެއްގެ އިތުރުން އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.

ވިސްލްބްލޯ ކުރުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށްވެސް ކޮންފަރާތެއްކަން ނޭނގޭގޮތަށް މައުލޫމާތު ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ. އަދި މިބިލް ގާނޫނަކަށް ވާތާ 90 ދުވަހުގެ ތެރޭގައި ސިއްރުން މައުލޫމާތު ހުށަހެޅުމާއި ބަލައިގަތުމާއި ތަހުގީގުކުރުމާއި މިފަދަ އެހެނިހެން ކަންކަން ހިމެނޭ ގަވާއިދުތައް ހަދައި ސިއްރު މައުލޫމާތު ހުށަހެޅުމުގެ އިންތިޒާމު މުސްތަގިއްލު މުއައްސަސާއަކުން ކުރަންވާނެ ކަމަށް ބިލްގައި ބަޔާން ވެގެންވެ އެވެ.

މިބިލްގައި ވިސްލްބްލޯގެ ގޮތުގައި ހުށަހެޅޭނެ 11 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެކަންކަމަކީ ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި، އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި، ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި، ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި، ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި، ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، އަދުލު އިންސާފަށް ހުރަސް އެޅުމާއި، ވަސީލަތެއް ބޭކާރު ކުރުމާއި، މިއިން ކަމެއް ފޮރުވުމުގެ ގޮތުން ގަސްތުގައި އެއްވެސް ކަމެއް ކުރުން ހިމެނެ އެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ގާނޫނީގޮތުން ރައްކާތެރިކަން ދިނުމަށް ވެސް މިބިލްގައި ކަންތައްތަކެއް ވަނީ ބަޔާންކޮށްފަ އެވެ. މިގޮތުން ވިސްލްބްލޯ ކުރުމުން ނުވަތަ ކުރަން އުޅުމުން ނުވަތަ މިއިން ކަމެއް ކޮށްފި ކަމަށް ހީކޮށް، ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ވަޒީފާ އިން ވަކި ކުރުމާއި، ޒިންމާތަކުން އެކަހެރި ކުރުމާއި، މަސައްކަތުގެ ގަޑި މަދު ކުރުމާއި، ޕްރޮބޭޝަންގައި ބެހެއްޓުމާއި، އަދަބެއް ދިނުމުގެ ގޮތުން ވަޒީފާއާ ގުޅޭ އެއްވެސް އިނާޔަތެއް ނުދިނުމާއި، އިނާޔަތަކާ މެދު ގޮތެއް ނިންމުން ލަސް ކުރުމާއި، އިނާޔަތްތައް ދަށް ކުރުން އަދި ގެއްލުން ދިނުމާއި ބިރު ދެއްކުމާއި އިންޒާރު ދިނުމެވެ.

ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފިނަމަ، އެ މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު، ހައްގު ގެއްލުނު މީހާ އަށް ލިބިގެންވާ ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް ބަދަލު ހިފުމުގެ މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގާ ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ބަދަލުހިފުމުގެ މައުލޫމާތު ހުށަނާޅައިފިނަމަ، އެ މައުލޫމާތު ބަލައިނުގަތުމުގެ އިހްތިޔާރު މައުލޫމާތު ބަލައިގަންނަ ފަރާތަށް ލިބިގެންވާ ކަމަށް ވެސް ބިލްގައިވެ އެވެ.

ބިލްގައި ވަނީ ވިސްލްބްލޯ ކުރާ ފަރާތުން ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ބިލްގައިވެ އެވެ. ވިސްލްބްލޯ ކުރުމާ އެކު ވިސްލްބްލޯ ކުރާ ފަރާތުގެ ނަމާއި އެޑްރެހާއި އުމުރާއި އާއިލާއާ ބެހޭ މައުލޫމާތާއި ވަޒީފާ އަދާކުރާ ތަނާއި މަގާމު ފަދަ މައުލޫމާތުތައް ސިއްރު ކުރަން ޖެހޭނެ ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ. އަދި އެފަދަ މައުލޫމާތެއް ހާމަކުރުމަކީ ކުށެއް ކަމަށާއި މި ކުށުގެ އަދަބަކީ ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށް ބިލްގައިވެ އެވެ.

ތަހުގީގާ ގުޅޭ ލިޔުމެއް ނުވަތަ އެހެން ވެސް ހެއްކެއް ނައްތާލުން ނުވަތަ ހެކި ބަސް ދީފާނެ މީހަކަށް ބިރު ދެއްކުން ނުވަތަ ނުފޫޒެއް ފޯރުވުމަކީ ކުށެއް ކަމަށާއި މި ކުށުގެ އަދަބަކީ ވެސް ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށް ބިލްގައިވެ އެވެ.

ބިލްގައި ވަނީ އެއްވެސް ކުށެއް ކުރުމުގައި އެއްވެސް މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުމެއް ދީފިނަމަ، ގެއްލުން ދިން ފަރާތުން ގާނޫނާއި ގަވާއިދުގެ ދަށުން އުފުލަން ޖެހޭ އެހެނިހެން މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް އެއްވެސް އުނިކަމެއް ނާންނަ ގޮތަށް އަދި ގާނޫނުގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ އިތުރުން ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ ގޭބަންދުކޮށް، އެ ފަރާތެއްގެ އަދަބު އިތުރު ކުރުމުގެ އިހްތިޔާރު ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ.

ވިސްލްބްލޯ ކުރާ މީހަކަށް ރައްކާތެރިކަން ދިނުމަށް މުއައްސަސާ އަށް ފެނިއްޖެނަމަ، އެ މީހަކަށް ވަކި ގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތަށް އެންގުމުގެ އިހްތިޔާރު މުއައްސަސާއަށް ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.

ބިލް ހުށަހެޅި ބޭނުމަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ކޮރަޕްޝަނާއި އެނޫންވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމާއި އެތަންތަނުގައި ދެފުށް ފެންނަ، ނަޒާހާތްތެރި ޖަވާބުދާރީވަނިވި، ސަގާފަތެއް އަށަގެންނެވުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލާ މީހުންނަށް ހިމާޔަތްދިނުމަށް އަމާޒުކޮށްގެން "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" މަޖިލީހުން ފާސްކުރިއިރު އެފަދަ މީހުންނަށް ހިމާޔަތް ދިނުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަމުގެ ތެރޭގައިވެސް ވިސްލްބްލޯ ގާނޫނު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ހިމަނާ އެކަން ކޮށްފައިވެ އެވެ.

ކޮރަޕްޝަން ފަޅާއަރުވާލާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ވާހަކަ ދިވެހިންގެ ތެރޭގައި ބޮޑަށް ދެކެވެން ފެށީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފު، ގާސިމް އަބްދުލްކަރީމް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރި މައްސަލާގަ އެވެ. މިމައްސަލައިގައި އޭނާގެ މައްޗަށް ވަނީ ޖިނާއީ ދައުވާކޮށް، ކުށް ސާބިތުވެފަ އެވެ.

ހުއްދަނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާކޮށް، ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ޖަލުހުކުމެއް އިއްވިއިރު ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ 2017 އަހަރު ވަނީ މިނިވަންވެފަ އެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސް ސޯލިހު ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަމުގެ ތެރޭގައި ޒީރޯ ޓޯލެރެންސް ޓް ކޮރަޕްޝަން ކެމްޕޭން ފެށުމަށް ހިމަނާ، އެކަން ފައްޓަވާފައިވެ އެވެ. މީގެއިތުރުން ރައީސް ސާލިހު ވަނީ ކެބިނެޓްގައި ތިއްބަވާ ވަޒީރުންވެސް ކޮރަޕްޝަނާއި ދުރުގައި ތިއްބެވުމަށް އަންގަވާފަ އެވެ.