އެލައިޑް އިންޝުއަރަންސާއި އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް ގުޅިގެން "މޮޓޯ އެންޑް ހޯމް ކެމްޕެއިން"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އިފްތިތާހުކޮށްފިއެވެ.

މިއަދު އެލައިޑްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކެމްޕެއިން އިފްތިތާހުކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝާބިގް އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރ ޝާބިގް ވިދާޅުވީ މިކެމްޕެއިން އަކީ ކުންފުނީގެ މޮޓޯ އަދި ހޯމް ޕްލޭންސްގެ ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ ފަސޭހައިން ޕޮލިސީ ނެގުމާއި މައުލޫމާތު ސާފުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުގެ މަގުސަދުގައި ކުރިޔަށްގެންދާ ކެމްޕެއިނެކެވެ. އެގޮތުން މިކެމްޕެއިންގެ ތެރޭގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޑޯޓުޑޯ އާއި ބެހޭގޮތުން ޝާބިގް ވިދާޅުވީ، މިހަރަކާތުގައި ބައިވެރިވާ އެލައިޑްގެ ހުރިހާ ޓީމް މެމްބަރުންވެސް ތިބޭނީ އެލައިޑު ޓީޝާޓުގައި ސްޓާފް އައިޑީ އަޅައިގެން ކަމަށެވެ. އަދި މައުލޫމާތު ހޯއްދެވުމުގައި މިކަމަށް ސަމާލުކަން ދެއްވުމަށް ޝާބިގް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ޝާބިގް ވަނީ އެލައިޑުގެ މިފަދަ ކެމްޕެއިންތަކަށް ކަސްޓަމަރުން ދެއްވާ ތަރުހީބަށް ޝުކުރު ދަންނަވާފައެވެ.

އެލައިޑުން ބުނީ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އަދި ހޯމް ކޮންޓެންޓް ތަކާފުލް ޕްރޮމޯޓުކުރުމަށްޓަކައި އެއް މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިކެމްޕެއިންގެ ތެރެއިން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އައުޓްޑޯ ސްޓޭޝަންސް ގާއިމްކުރުމާއި، ޑޯ ޓު ޑޯ ކުރިޔަށްގެންދިޔުމުގެ އިތުރުން އެލައިޑާއި އެކުންފުނީގެ ޕޭރެންޓް ކުންފުނި އެސް.ޓީ.އޯ އަދި އެހެނިހެން ސަބްސިޑަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

އެލައިޑް އިންޝުއަރަންސުން ބުނީ މިކެމްޕެއިންގެ ތެރެއިން ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ދިނުމަށް ހަމަޖެހިފަިއިވާ ކަމަށެވެ. އެއީ މޮޓޯ ޕްލޭންސް ނަގާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ފިއުލް ކޫޕަން އާއި ކެމްޕެއިން މުއްދަތުގައި އެލައިޑް އެޕް ޑައުންލޯޑުކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ނަސީބު ގުރުއަތުން ހޮވޭ 3 ފަރާތަކަށް ހުށައެޅިފައިވާ 3 ލައްކަ ރުފިޔާގެ އަގުހުރި ހޯމް ކޮންޓެންޓް ވައުޗަރެވެ.