ގދ. ތިނަދޫ ހޮސްޕިޓަލުން ތިން އަހަރުގެ ތުއްތު ކުއްޖަކަށް ދިން ބޭހުގެ ސަބަބުން އެ ކުއްޖާ ދާއިމަށް އިވުމުން މަހްރޫމްވި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ދައުލަތުން ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުގައި، ދައުލަތުން އެކި ކަންކަމުގައި ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ގުޅޭގޮތުން މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ދައްކަންޖެހޭ ފައިސާގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދައްކަފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުއްޖަކު އިވުމުން މަހްރޫމްވި މައްސަލާގެ ފައިސާވެސް ދައްކާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ގދ ތިނަދޫ ހޮސްޕިޓަލުން ކުޑަ ކުއްޖަކަށް ބެހެއްދިނުމުގެ ސަބަބުން ދާއިމަށް އިވުމުން މަހްރޫމްވި މައްސަލައަކީ 2007 ވަނަ އަހަރު ހިނގާފައިވާ ކަމެކެވެ.

ތިނަދޫ ހޮސްޕިޓަލަށް ކުއްޖާ ގެންގޮސްފައިވަނީ ހުންއައިސް އަތް ދުޅަވާތީއެވެ. ހޮސްޕިޓަލުން އެ ކުއްޖާއަށް ފަރުވާ ދީފައިވާ ޑރ. ޕަވަލްއެވެ. ޑރ އެ ކުއްޖާއަށް ދީފައިވަނީ ޖެންޓަމައިސިން ކިޔާ ބޭހެކެވެ. މި ބޭހަކީ އިންފެންޝަންތަކާއި ގުޅިގެން ވަރަަށް އާންމުކޮށް ޑޮކްޓަރުން ދީއުޅޭ ބޭހަކަށްވީ ނަމަވެސް މި ބޭހުގައި ގިނަ ސައިޑްއިފެކްޓު ތަކެެއް ހުރެއެވެ.

އެގޮތުން މި ބޭހަކީ ބަރުދަނާއި އުމުރު ބެލުމަށްފަހު ވަކި ޑޯޒެއް ކަނޑައަޅަން ޖެހޭ ބޭހަކަށްވާއިރު ރަނގަޅު ޑޯޒް ދިން ކަމުގައިވީ ނަމަވެސް ވަކި ވައްތަރެއްގެ ޖީންއެއް ހުންނަ ކުއްޖެނަމަ އިވުމުން މަހްރޫމްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އެ ކުއްޖާއަކީ އެފަދަ ކުއްޖެން ނޫން ކަމާއި ރަނގަޅަށް ބޭސް ދީފައިވާނަމަ އެ ކުއްޖާ އިވުމުން މަހްރޫމްވެގެން ނުވާނެކަން ފަހުން ހެދި ޓެސްޓު ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.

މި މައްސަލާގައި ހަދާފައިވާ އެކްސްޕާޓް ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާއަށް ދީފައިވަނީ ބޭހުގެ ރަނގަޅު ޑޯޒެކެވެ. އެހެންނަމަވެސް ބޭސް ދީފައިވަނީ ގޯސްކޮށް ކަމަށް ކުއްޖާ މާލެގެނެސް ދެއްކި ޑޮކްޓަރު ބުނެފައިވާ ކަމަށްބުނެ އެކަން ހާމަވާ ލިޔެކިޔުންތައްވެސް ކުއްޖާގެ ބައްޕަ ހުށަހަޅާފައިވެއެވެ.

މި މައްސަލާގައި ބަދަލުގެ ގޮތުގައި ދައުލަތުން 7.1 މިލިއަން ރުފިޔާ ނަގައިދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ކުއްޖާގެ ބައްޕަ އިންސާފަށް އެދި އެކި ކޯޓުގައި އާދޭސްކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުގައެވެ.

މި މައްސަލާގައި އިންސާފުހޯދުމަށް ކުއްޖާގެ ބައްޕަ މަދަނީ ކޯޓަށް ހުށަހެޅުމުން މަދަނީ ކޯޓުން ނިންމީ އެ މައްސަލާގައި ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް މައްސަލަ ނިންމީ ބަދަލު ނަގައިދޭނެ ތަނެއް ނެތް ކަމަށެވެ.

އެންމެ ފަހުން ބަދަލުނަގައި ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާއިރު ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 7.1 މިލިއަން ރުފިޔާއަކީ ހާދިސާއަށް ފަހު ކުއްޖާއަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލަށް ދެމިލިއަން ރުފިޔާއާއި މުސްތަގްބަލުގައި، ދިރިއުޅުމަށް ކުރެވޭނެ ބައެއް މަސައްކަތްތަކުން މަހްރޫމް ވެފައިވާތީ ތިންމިލިއަން ރުފިޔާ އާއި ހިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ކުރަންޖެހޭ ހަރަދަށް ބަލައި 700،000 އަށް ވުރެ ގިނަ ރުފިޔާ އާއި ކޮންމެ ހަމަހަކުން އެ ސާވިސް ކުރުމުގެ ޚަރަދަށް ކޮންމެ ފަހަރަކު 1،000 ޑޮލަރު ހިނގާތީ 35 އަހަރު ދުވަހުގެ މުއްދަތަށް އެކަމަށް ހިނގާނެ ޚަރަދު ކަމަށްވާ 899،000 އަށް ވުރެ ގިނަ ރުފިޔާއެވެ.

ކޮކްލިއާ އިމްޕްލާންޓް ސާވިސް ކުރުމަށް މިހާތަނަށް ހިނގާފައިވާ ޚަރަދު ކަމަށްވާ ތިންލައްކަ ރުފިޔާ އާއި އެ އިމްޕްލާންޓް ހަރު ކުރުމުގެ އޮޕަރޭޝަނަށް ރާއްޖެއިން ބޭރުގައި ތިބުމުގެ ޚަރަދަށް ހިނގާފައިވާ ދެލައްކަ ރުފިޔާވެސް އޭގެ ތެރޭގައި ހިމެނެއެވެ.

2007 ވަނަ އަހަރު ހިނގާދިޔަ މިހާދިސާއަށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ބަދަލު ނަގައިދިނުމަށް ހުކުމްކޮށްފައިވާއިރު މި މައްސަލައަކީ މެޑިކަލް ނެގްލިޖެންސާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ފުރަތަމަ މައްސަލައެވެ.