ތައިލެންޑްގެ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، ސެންޓަރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ނަގާފައިވާ ފަޅެއް ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަސައްކަތުގެ އެއްބަސްވުމުގައި ސެންޓާރާއާ އެކު ސޮއިކުރީ މިއަދު ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ސެންޓާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރާޔުތް ޗިރަތިވަތް އެވެ.

ސޮއިކުރުމުގެ މިރަސްމިއްޔާތު ބާއްވާފައިވަނީ ތައިލެންޑުގެ ބެންކޮކްގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގަ އެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން 21 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބްރޭކް ވޯޓާ ގާއިމުކުރުމުގެ މަސައްކަތްވެސް ކުރާނީ އެކުންފުނިން ކަމަށެވެ.

މިމަޝްރޫއުގެ އަގު އެމްޓީސީސީން ހާމަކޮށްފައި ނުވާއިރު މިމަސައްކަތް ނިންމަންޖެހެނީ 300 ދުވަހުގެ ތެރޭގަ އެވެ.

ތައިލެންޑްގެ މަޝްހޫރު ކުންފުނިތަކުން ގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އެގޮތުން ސެންޓާރާ ކުންފުނިން ވެސް ގެންދަނީ ރާއްޖޭގައި ދެ ރިސޯޓެއް ހިންގަމުންނެވެ.

ރާއްޖޭގައި މިއަހަރު 20 ރިސޯޓް ހުޅުވުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިއަހަރުގެ މިހާތަނަށް 19 ރިސޯޓް ހުޅުވިފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.