ގުޅިފައިވާ ނުވަތަ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ، އދ މިހާރުވެސް ހިނގަމުންދަނީ 230 މިލިއަން އެމެރިކާ ޑޮލަރުގެ ޑެފިސިޓަކާ އެކުގައި ކަމަށާއި، މިމަސް ނިމޭއިރު އދގެ ބަޖެޓް ހުސްވެދާނެކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

އެހެންވެ، އދގެ މުވައްޒަފުންގެ ގޮތުގައި ތިބި 37،000 މީހުންނަށް މުސާރަ ދެވޭނޭކަން ކަށަވަރު ކުރުމަށްޓަކައި ސެކްރެޓަރީ ޖެނެރަލްވަނީ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވައި އެކަމާ ގުޅޭ ސިޓީއެއް ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ.

އދގެ ޚަރަދުތައް ކުޑަކުރެއްވުމަށް ނިންމަވައި، އެކަން ސެކްރެޓަރީ ޖެނެރަލްވަނީ ސިޓީގައި ހާމަކުރައްވާފައެވެ. އެގޮތުން، ކޮންފަރެންސްތަކާއި، ބައްދަލުވުންތައް ފަސްކުރެއްވުމަށާއި، ބައެއް ޚިދުމަތްތައް މަދުކުރެއްވުމަށްވެސް ވަނީ އަންގަވާފައެވެ.

ހަމަ އެއާއެކު، ކޮންމެހެން ކުރާންޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށް އދގެ އޮފިޝަލުންނަށް ވަނީ އަންގަވާފައެވެ. އަދި ހަކަތަ ސަލާމަތް ކުރުމަށް ފިޔަވަޅު އެޅުއްވުމަށްވެސް ގުޓަރޭސްގެ ސިޓީފުޅުގައި އަންގަވާފައި ވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ސިޓީފުޅާ ގުޅިގެން އަސަރު ކުރާނީ ސީދާ އދގެ ކޮން ހަރަކާތްތަކަށް ކަމެއް ސާފެއް ނުވެއެވެ.

"އދގެ 2019 އަހަރުގެ އޮޕަރޭޝަންސް ތަކަށް މެމްބަރު ގައުމުތަކުން ދޭންޖެހޭ ބަޖެޓްގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ %70. އެހެންކަމުން، މިމަސް ނިމޭއިރު އދގެ ބަޖެޓް ހުސްވެދާނެ" މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައި ވެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އދގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، އދއަށް ބަޖެޓްގެ ތާށި އަތުވެދާނެތީ މެމްބަރު ގައުމުތަކުން ދޭންޖެހޭ ހިއްސާ ދެއްވުމަށް ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް މިއަހަރުގެ ކުރީކޮޅު ގައުމުތަކުގެ ކިބައިން އެދިވަޑައި ގެންނެވި ކަމަށެވެ. ނަމަވެސް، ގައުމުތަކުން އެކަމާ ދެކޮޅުހަދާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. ސަބަބެއް ހާމައެއް ނުކުރައްވައެވެ.

"އދގެ މާލީ ހާލަތު ފުރިހަމަގޮތުގައި ދެމިއޮތުމުގެ ޒިންމާ އޮތީ މެމްބަރު ގައުމުތަކުގެ ކިބައިގައި" ގުޓަރޭސް ވިދާޅުވިއެވެ.

2018-2019 ގެ އދގެ އޮޕަރޭޓިންގ ބަޖެޓަކީ ގާތްގަނޑަކަށް 5.4 ބިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރޭގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ގާއިމްކޮށްފައިވާ އދގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖުތަކުގެ ޚަރަދު ނުހިމެނެއެވެ.

އދގެ ބަޖެޓްގެ %22 ހިއްސާކުރަނީ އެމެރިކާއިންނެވެ.