ހއ. މާރަންދޫ ކޮމިޔުނިޓީ ސެންޓަރުގެ ފަރާތުން އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށްގެންދާ "ބަދަހި ކަޕް 2019" ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މާރަންދޫ ފެނަކަ ބްރާންޗުން ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތުގައި މާރަންދޫގެ 4 މުއައްސަސާއަކުން ވާދަކުރެއެވެ. އެއީ މާރަންދޫ ފެނަކަ ބްރާންޗާއި މާރަންދޫ ސްކޫލާއި، މާރަންދޫ ކައުންސިލްގެ އިތުރުން މާރަންދޫ ސިއްހީ މަރުކަޒެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ތާވަލުގެ އެއްވަނައަށްދާ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ތާވަލުގެ ދެވަނައަށްދާ ޓީމާއި ތިންވަނައަށްދާ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ފެނަކަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ފެނަކަ ޓީމުން ރޭ ކުޅުނު މެޗުން ވަނީ ކައުންސިލްގެ މައްޗަށް ފަސޭހަކަމާއެކު 5-0 އިން ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ޓީމުގެ މުހައްމަދު ސާޖިދެވެ.

މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސްކޫލް ޓީމާއި ސިއްހީ މަރުކަޒު ޓީމެވެ. މި މެޗު 2-1 އިން ކާމިޔާބުކުރީ ސްކޫލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސްކޫލް ޓީމުގެ ހުސެއިން އާދަމެވެ. މި މެޗުން ލިބުނު މޮޅާއެކު ސްކޫލް ޓީމު ވަނީ ސެމީގެ ޖާގައެއް ޔަގީންކޮށްފައެވެ. ސެމީގެ ފަހު ޖާގަ ލިބޭ ޓީމެއް އިނގޭނީ މިރޭ ކުޅޭ މެޗަށްފަހު އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސިއްހީ މަރުކަޒު ޓީމާއި ކައުންސިލް އިދާރާގެ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވާ ހުކުރު ދުވަހުގެރޭ އެވެ.