11 އަހަރަށްފަހު އިކާއޯގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވި ރާއްޖޭގެ ވަޒީރަކަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެވަޑައިގެންފިއެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްއިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ އާންމު މަޖިލީސް ކުރިއަށްދިޔައީ ކެނެޑާގެ މޮންޓްރިއާލްގައި ސެޕްޓެމްބަރު 24 އިން އޮކްޓޯބަރު 4 ގެ ނިޔަލަށެވެ. މި ޖަލްސާގައި އެ ޖަމްއިއްޔާގެ މެންބަރު ގައުމުތަކުގެ ވަޒީރުންނާއި ބޮޑެތި ޖަމްއިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު އައިޝާގެ ތަގުރީރުގައި، ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ފަތުރުވެރިިކަމުގެ މައްޗަށް ކަމަށާއި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ކަހަލަ ގޮތަކަށް އަންނަނީ ވައިގެމަގުންކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ދެމެހެއްޓެނިވި ތަރައްގީއަށް އޭވިއޭޝަން ދާއިރާގެ ތަރައްގީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އިކާއޯގެ އާންމު ޖަލްސާގައި ބައިވެރިވުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްގީކުރުމަށާއި އެދާއިރާއިން ލިބެންހުރި ކުރިއެރުންތަކަށް މަގުފަހިކުރުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އިކާއޯގެ އާންމު ޖަލްސާގެ ހަވާސާގައި މިނިސްޓަރު އައިޝާ ވަނީ އެކި ގައުމުތަކުގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުންނާއި ބައްދަލުކުރައްވައި ރާއްޖޭގެ އޭވިއޭޝަން ދާއިރާއާއި ފަތުރުވެރިިކަމުގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެ ބައްދަލުވުންތަކުގައި އެކަމަނާ ވަނީ އޭވިއޭޝަން ދާއިރާއިން ރާއްޖެއަށް ތަމްރީނާއި ކޮންސަލްޓޭޝަން އަދި ސްކޯލާޝިޕްގެ ފުރުސަތު ހޯއްދަވައިދެއްވާފައެވެ.

އިކާއޯގެ އާންމު ޖަލްސާއަށް ރާއްޖެ ތަމްސީލުކުރާ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި މިނިސްޓަރު އައިޝާ ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު އާއިޝަތު ނަހުލާ އިކާއޯގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައިވާއިރު، މިއީ ވޭތުވެދިޔަ 11 އަހަރުތެރޭ ރާއްޖޭގެ ވަޒީރަކު މި މަޖިލީހުގައި ބައިވެރިވެ ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

އިކާއޯގެ އާންމު މަޖިލީސް ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއްފަހަރެވެ. ޖަމްއިއްޔާގެ ހުރިހާ މެންބަރު ގައުމަކަށާއި ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާތަކަށް މި މަޖިލީހަށް ދައުވަތު ދެއެވެ. މިފަހަރުގެ މަޖިލީހުގައި ވަނީ 172 ގައުމާއި ވައިގެ ދަތުރުފަތުރާ ގުޅުންހުރި 61 ޖަމްއިއްޔާއަކުން ބައިވެރިވެފައެވެ.