ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު ފާސްކުރުމަށް ނޯމަލައިޒޭޝަން ކޮމެޓީން ބާއްވާ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި އެ އެސޯސިއޭޝަނުގެ އިންތިހާބީ ރައީސް މުޙައްމަދު ލަތީފް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކިބައިން އެދިއްޖެއެވެ.

އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދަށް އެޑްރެސް ކުރައްވައި މިއަދު ލަތީފް ފޮނުވި ސިޓީގައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ޤާނޫނާ ޚިލާފަށް ނޯމަލޭޒޭޝަން ކޮމެޓީއެއް އުފައްދަވާފައިވާތީ އެކަމަކީ އެފްވައިއައިބީން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެއިދާރާއިން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ޢަބްދުﷲ އާމިރަށް ފޮނުވި ސިޓީގައި އެކަން ބަޔާންކޮށްފައިވާކަމަށެވެ.

މި ކޮންގްރެސް ބޭއްވުމުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެ ސިޓީ އެފްއައިވީބީގެ ފަރާތުން ފޮނުވާފައިވަނިކޮށް، ނޯމަލައިޒޭޝަން ކޮމިޓީން އިސްނަގައިގެން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑަނަރީ ކޮންގްރެސްއެއް މިރޭ ބާއްވަން ތައްޔާރުވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ބައިވެރިކުރަނީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރު ކުލަބުތަކުގެ ތެރެއިން ބައެއް ކުލަބުތައްކަމާއި، އަނެއް ކުލަބުތަކަކީ އެސޯސިއޭޝަނުގެ ދަފްތަރުގައި ނެތް ކުލަބުތަކެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ އޮލިމްޕިކް ކުޅިވަރުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން، އެފްއައިވީބީގެ 4 ސެޕްޓެމްބަރ 2019 ގެ ސިޓީގައިވާ ކަންކަން އެގޮތުގެމަތިން، ތަންފީޒުކުރުމަށް ބާރު އަޅުއްވައިދެއްވާ، އެފްއައިވީބީގެ ސިޓީގައި ބަޔާންކުރައްވާފައިވާގޮތަށް، ނޮމަލައިޒޭޝަން ކޮމިޓީގެ ފަރާތުން މިހާރު ކުރަމުންގެންދާ ކަންތައްތައް ހުއްޓާލުމަށް ނޮމަލައިޒޭޝަން ކޮމިޓީއަށް އަންގަވާދެއްވުން ލަތީފް ވަނީ އެދިލައްވާފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އުވާލައްވައި، އެ އެސޯސިއޭޝަންގެ ހިންގުން، ވަގުތީ ކޮމިޓީއަކާ ހަވާލު ކުރެއްވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ނިންމެވީ މިދިޔަ ޖޫންމަހުގެ ތެރޭގަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް ވަނީ އެކަން އަންގާފައެވެ.