ސައުދީ އަރަބިއްޔާ ފުރަތަމަ ފަހަރަށް ފަތުރުވެރިކަމަށް ހުޅުވާލުމާއެކު ފުރަތަމަ ދިހަދުވަސްތެރޭ 24،000 ފަތުރުވެރިން އެގައުމަށް ޒިޔާރަތް ކޮށްފިއެވެ.

ފަތުރުވެރިން ސައުދީ އަރަބިއްޔާއަށް ޒިޔާރަތް ކުރުމަށް އެގައުމުން ވިސާ ދޫކުރަންފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ.

މިއީ، މިވީހާތައް ޒަމާނުގައި ތެލުގެ މައްޗަށް ބަރޯސާވެފައި އޮތް ސައުދީ އަރަބިއްޔާގެ އިގްތިސާދު އެހެން ސިނާއަތްތަކަށް ހުޅުވާލުމަށް އެގައުމުން ފަށާފައިވާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. މިއީ، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާން އެކަށައަޅުއްވާފައިވާ 2030 ގެ ތަސައްވުރުގެ ބައެކެވެ.

"ފަތުރުވެރިންނަށް ވިސާ ދޫކުރަންފެށިފަހުން ފުރަތަމަ ދިހަދުވަހުގެ ތެރޭގައި ސައުވީސްހާސް ފަތުރުވެރިން ސައުދީ އަރަބިއްޔާއަށް އެތެރެވެއްޖެ" ސައުދީ ޚާރިޖިއްޔާއާ ހަވާލާދީ އެގައުމުގެ ރަސްމީ ޓީވީން މިއަދު ބުނެފައިވެއެވެ.

ސެޕްޓެމްބަރު 27 އާއި ހަމައަށް ސައުދީ އަރަބިއްޔާއިން ވިސާ ދޫކުރަމުންދިޔައީ، ހައްޖުގެ އަޅުކަމަށާއި، އުމުރާގެ އަޅުކަމަށް ޒިޔާރަތްކުރާ މުސްލިމުންނަށާއި، ބޭރުގެ މަސައްކަތްތެރިންގެ އިތުރުން، މިފަހުން ކުޅިވަރާއި ޘަގާފީ އެކިއެކި ހަރާތްތަކަށް ބޭރުން އަންނަ މީހުންނަށް އެކަންޏެވެ.

މީގެކުރިން ސައުދީ އަރަބިއްޔާ އޮތީ ފަތުރުވެރިންނަށް ބަންދުވެފައެވެ. މިއީ، މުޅި ދުނިޔޭގައިވެސް މިހާތަނަށް ފަތުރުވެރިކަމަށް ބަންދުވެފައި އޮތް ހަމައެކަނި މަންޒިލެވެ.

ޓޫރިސްޓް ވިސާ ދޫކުރަން ފަށައި، ސައުދީ އަރަބިއްޔާއިން ވަނީ ފަތުރުވެރިން ޒިޔާރަތް ކުރުމަށް ބާރުއަޅައި، ހިތްވަރުދީ ޝައުގުވެރި ކުރުވުމުގެ ގޮތުން އެތައް ލުއިތަކެއްވެސް ދީފައި ވެއެވެ.

އެގޮތުން، ކައިވެނި ނުކޮށްވެސް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ދެ ލޯބިވެރިން ގެސްޓް އެއް ކޮޓަރި ހިއްސާކުރުމާއި، ބޭރު ތެރޭހައި އުޅޭއިރު މުޅި ހަށިގަނޑު ނިވާވާގޮތަށް އަބާޔާ ލައިގެން އުޅޭން ނުޖެހުން ހިމެނެއެވެ.

މީގެއިތުރުން، ދުނިޔޭގެ 49 ގައުމަކުން ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް އޮންލައިން އީ-ވިސާ ނުވަތަ އެން އެރައިވަލް ވިސާ ލިބޭނޭގޮތްވެސް ވަނީ ހަމަ ޖައްސާފައެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން، ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާއި، މެލޭޝިޔާ، ސިންގަޕޫރު، ދެކުނު ކޮރެއާ، ޗައިނާ އަދި ކަޒަކްސްތާންފަދަ ގައުމުތައް ހިމެނެއެވެ.