ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކަށް އަމާޒުކޮށްގެން ބާތުރައިގެ އިދާރީ އިންތިޒާމުތައް ރާވައި އާބާތުރަ ފިލުވުމުގައި ހުރި މައްސަލަތައް ޙައްލުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް މޫކައި ހޮޓަލުގައި ފަށައިގެން ކުރިއަށް ގެންދަން ފަށައިފިއެވެ.

މި ޕްރޮގްރާމްގައި އަމިއްލަ ބައެއް ކުންފުނިތަކާއި ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުން 40 އަށްވުރެ ގިނަ މެއިންޓެނަންސް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މެއިންޓެނަންސް މެނޭޖްމަންޓު ތަމްރީނުތަކާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފައިވާއިރު ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީ ތަކުންވެސް ވަނީ ބޭރުގެ ބައެއް ޖަމިއްޔާ ޖަމާޢަތްތަކުގެ އެހީގައި މިފަދަ މަސައްކަތު ބައްދަލުވުންތަކާއި ތަމްރީނުތައް ހިންގަން ފަށައިފައެވެ.

މޫކައި ހޮޓަލުގައި ކުރިއަށްގެންދާ މެއިންޓެނަންސް މެނޭޖްމަންޓު ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދީ ތަމްރީނުދެމުން ގެންދަނީ ސްރީލަންކާގެ އާރުއެޗް ޓްރެއިނިންގ ކުންފުނިންނެވެ.

އެކުންފުނީގެ 4 ބޭފުޅުންނާއެކު ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ފަރުވާކުޑަވެ އެކަށީގެންވާ ސަމާލުކަން ނުދެވުމާ ދެރަ ފެންވަރުގައި ކުރެވިފައި ހުންނަ މަސައްކަތްތަކުގެ ސަބަބުން މަރާމާތުގެ ޚަރަދު ބޮޑުވުމުގެ މައްސަލަތަކަށް ޙައްލު ހޯދާނެ ގޮތް ވަނީ ދަސްކޮށްދީފައެވެ. އަދި ރަނގަޅު ގޮތުގައި މަރާމާތުގެ މަސައްކަތް ކުރެވިއްޖެނަމަ މަރާމާތަށް ކުރަންޖެހޭ ޚަރަދު ކުޑަކުރާނެ ގޮތާއި އިދާރީ ގޮތުން ރާވައި މަރާމާތުކުރާ ވަގުތު ކުޑަކުރުން ފަދަ މުހިންމު ކަންކަން ވަނީ ދަސްކޮށްދީފައެވެ.

މެއިންޓެނަންސް ޓްރެއިނިންގ ސެޝަންގެ ތެރެއިން

ކޯހުގެ ލެކްޗަރަރއެއް ކަމުގައިވާ ރުޚްސާން ޕެރޭރާ ވިދާޅުވީ މި ތަމްރީނުތަކަކީ އެމެރިކާގެ ޔުބިކުއިޓީ ޔުނިވަރސިޓީއާއި ގުޅިގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވެނީ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ މީހުންނަށް ކަމަށާ އެ ދާއިރާގައި ގިނަދުވަހު އުޅެ ތަޖުރިބާ ޙާޞިލްކޮށްފައިވާ މީހުނަށް ކަމަށެވެ.

ޕެރޭރާ ވިދާޅުވީ ފުރަތަމަ ބުރުގައި ކުރިއަށްގެންދިޔަ ދެދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީނާ ހުނަރުގެ ޢިލްމު ހޯދި އޮފިސަރުންނަށްވަނީ އެ ތަމްރީނުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ދީފައެވެ.

ނަމަވެސް ސެޓްފިކެޓަކީ ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުރާ ފެންވަރުތޯ ނުވަތަ ތަމްރީނު ލިބުމަށްފަހު ބައިވެރީންގެ ކިބައިގާ ހުންނާނީ ކޮންފެންވަރެއްތޯ ދެންނެވުމުން ވިދާޅުވީ އެ ތަމްރީނުތަކަކީ ޑިޕްލޮމާއިން މަތީގެ ފެންވަރުގެ މީހުނަށް ދެވުނު ތަމްރީނުތަކެއް ކަމަށެވެ. ނަމަވެސް އެއީ ޑިޕްލޮމާގެ ކޮން ގިންތިއެއްކަމެއް ވިދާޅުވެފައެއްނުވެއެވެ.

ރާއްޖޭގައި މެއިންޓެނަންސް ނޫނަސް ވަރަށް ގިނަ ދާއިރާތަކުގައި މަސްއޫލުވެރިކަމާއި އަހުލުވެރިކަމާއެކު މަސައްކަތް ކުރުމުގެ ފަންނުވެރީން މަދުވުމާއި އެކު އެކި މަދަނީ ޖަމިއްޔާ ޖަމާޢަތްތަކާއި ދައުލަތުގެ ބައެއް އިދާރާތަކުން ގެންދަނީ ވަރަށް ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި ބައެއް ދާއިރާތަކުގައި އެފަދަ މީހުން ނެތުމުގެ ސަބަބުން ޒިންމާދާރުކަންކުޑަވެ ބައެއް ޙާލަތްތަކުގައި ޚަރަދު ބޮޑުވުމުގެ އިތުރުން އިޢާދަ ނުކުރެވޭވަރުގެ ގެއްލުންތައްލިބިފައި ވެއެވެ.

މިބާވަތުގެ އާބާތުރަ ފިލުވުން ނުވަތަ މެއިންޓެނަންސް މަސައްކަތްތައް އެކިއެކި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ކޮށްދެމުންދިޔަ ކަމެއް ނަމަވެސް މެއިންޓެނަންސް ބޭނުންވާ އެއްޗެއް ނުވަތަ ތަނެއްގެ ފެންވަރު ވަޒަންކޮށް އެފަދަ ތަނެއްގެ ނުވަތަ އެއްޗެއްގެ އެސެސްމަންޓެއް ނުވަތަ ދިރާސީ ތަހުލީލެއް ކުރެވިފައެއް ނުހުރެއެވެ.

އަދި މަސައްކަތުގެ މާޙައުލުގައި އެކަށީގެންވާ އިންތިޒާމެއް ރޭވިފައި ނުވުމާއި ކުރިއަށްލައި ރާވައިގެން ނުކުރެވުމުގެ ސަބަބުން އެފަދަ މަސައްކަތްތަކުގައި ހޭދަކުރަންޖެހޭ ވަގުތާއި އެކަމަށް ހިނގާ ޚަރަދުތައް ބޮޑުވުމާއި ތަކުލީފުތަކަކީ ވަރަށް ގިނަފަހަރު ބޮޑެތި ޝަކުވާތައް ކުރަންޖެހޭ މައްސަލަތަކަށް ވެފައިވެއެވެ.

ގުރޫޕުތަކަށް ބަހާލައިގެން ބައިވެރީންގެ ތަޖުރިބާ ޙިއްޞާ ކުރުން

ޕެރޭރާ ވިދާޅުވީ މޫކައި ހޮޓަލުގައި ކުރިއަށްގެންދާ މި ތަމްރީނުތައް އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޮންނާނެ ކަމަށެވެ. މިވަގުތުވެސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި އެކި ފަރާތްތަކުން އެދެމުންދާ ކަމަށާ އޮކްޓޫބަރުމަހުގެ 9 ވަނަ ދުވަހު ދެވަނަ ތަމްރީނު ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ފުރަތަމަ ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ފެށުން އިފްތިތާހު ކޮށްދެއްވައިފައިވަނީ ރާއްޖޭގައި ހުންނަވާ އޮޅުދޫ ކަރައިގެ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަރޑް ތޮރަޑެނިޔާއެވެ.