ހެނދުނުގެ ނާސްތާއިން އިސްތަށްޓެއް ފެނިގެން ބަނގްލަދޭޝް މީހަކު އޭނާގެ އަނބިމީހާގެ ބޯ ގަދަކަމުން ބާލައިފިއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މިހާރުވަނީ އެ ފިރިހެންމީހާ ހައްޔަރު ކޮށްފައެވެ.

މިހާދިސާ ހިނގި މި ދުވަސްވަރަކީ ބަނގްލަދޭޝްގައި ގެވެށި އަނިޔާގެ ޝިކާރައަކަށް އަންހެނުންވުން އިތުރުވަމުންދާ ކަމަށް ބުނެ އެގައުމުގައި އިންސާނީ ހައްގުތަކާއި، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން އިންޒާރު ދެމުންދާ ދަނޑިވަޅެކެވެ.

ހެނދުނުގެ ނާސްތާއިން އިސްތަށްޓެއް ފެނިގެން މީހަކު އޭނާގެ އަނބިމީހާގެ ބޯބޭލި ހާދިސާ ހިނގާފައިވަނީ، ބަނގްލަދޭޝްގެ އުތުރުހުޅަނގު ޖޯއިޕޫރްހަޓް ޑިސްޓްރިކްޓްގައެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ، އުމުރުން 35 އަހަރުގެ ބަބްލޫ މޮންޑާލް ނަމަކަށްކިޔާ މީހެކެވެ. އޭނާގެ އަނބިމީހާގެ އުމުރަކީ 23 އަހަރެވެ. މި ފިރިހެންމީހާ އޭނާގެ އަނބިމީހާގެ ބޯބޭލި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެ އަވަށުގެ އާންމުންނެވެ.

"ހެނދުނުގެ ނާސްތާއަށް، އޭނާގެ އަނބިމީހާ ބަތާއި ކިރުއަޅައިގެން ތައްޔާރުކޮށްފައި ހުރި ކާތަކެތިން އިސްތަށްޓެއް ފެނުނީ. އެކަމާ ރުޅިއައިސްގެން އޭނާ އެކަމުގައި ކުށްވެރިކުރީ އަނބިމީހާ. އޭގެފަހުން ރޭޒަރު ތިލައެއް ހިފައިގެން އައިސް ގަދަކަމުން އަނބިމީހާގެ ބޯބޭލީ" ހާދިސާ ހިނގިގޮތް ވިދާޅުވެ ދެއްވަމުން އެ އަވަށުގެ ފުލުހުންގެ ވެރިޔާ ޝަހްރިއާރު ޚާން ވިދާޅުވިއެވެ.

މިމައްސަލާގައި، ގަސްތުގައި މީހަކަށް މިފަދަ ލާއިންސާނީ ހިތްދަތިކަމެއް ޖެއްސުމާއި، ފުރައްސާރަކުރުމުގެ އަމަލެއް ހިންގި ކަމަށްޓަކައި ބަބްލޫގެ މައްޗަށް ދައުވާ އުފުލާނޭ ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ. އެ މައްސަލާގައި އޭނާ ކުށްވެރިވާ ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ، ބަނގްލަދޭޝްގެ ގާނޫނުތައް ބުނާގޮތުން އޭނާ 14 އަހަރަށް ޖަލަށް ލެވޭނެއެވެ.

ގެވެށި އަނިޔާތަކުންނާއި، ޖިންސީ ގޯނާތަކުން އަންހެނުން ރައްކާތެރި ކުރުމަށް ގާނޫނުތައް ހެދިފައި ހުރި ނަމަވެސް، އެފަދަ އަމަލުތައް ހިންގުން ބަނގްލަދޭޝްގައި އިތުރުވަމުންދާކަން މިހާދިސާއިން ހާމަވެގެން ގޮސްފައިވާ ކަމަށް، ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނެއެވެ.

"އައިން އޯ ސާލިޝް ކެންދްރާ" ނަމަކަށްކިޔާ ހައްގުތަކަށް މަސައްކަތްކުރާ ބަނގްލަދޭޝްގެ ގްރޫޕަކުން ބުނެފައިވަނީ، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަށް ތިން އަންހެނުންގެ އިއްފަތް ފޭރުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

އެ ގްރޫޕުން ބުނެފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހާއި ޖޫންމަހާ ދެމެދު 630 އަންހެނުންގެ އިއްފަތް ފޭރިގެންފައިވާ ކަމަށާއި، އޭގެ ތެރެއިން 37 މީހެއްގެ އިއްފަތް ފޭރުމަށްފަހު މަރާލާފައިވާ ކަމަށެވެ. އިއްފަތް ފޭރިގަތުމުން ހަތް އަންހެނަކު އަމިއްލައަށް މަރުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެއިތުރުން، އެ މުއްދަތުގެ ތެރޭގައި އިތުރު 105 މީހެއްގެ އިއްފަތް ފޭރިގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް، ހައްގުތަކަށް މަސައްކަތްކުރާ، ބަނގްލަދޭޝްގެ އެ ޖަމާއަތުން ބުނެފައި ވެއެވެ.

އުމުރުން 19 އަހަރުގެ ބަނގްލަދޭޝް އަންހެން ކުއްޖަކު، އޭނާ ކިޔަވަންދާ ސްކޫލްގެ ހެޑްޓީޗަރ ޖިންސީ ގޯނާ ކުރާކަމަށް ރިޕޯޓްކުރުމާ ގުޅިގެން، އެ ޓީޗަރު އަންގައިގެން ބަޔަކުވަނީ މިއަހަރުގެ އޭޕްރީލްމަހު އެ އަންހެން ކުއްޖާ ދިރިހުއްޓާ އަންދާލާފައެވެ. އެކަމާ ގުޅިގެން، ބަނގްލަދޭޝްގައި ވަރުގަދަ މުޒާހަރާތަކެއް ފެށިގެންދިޔައެވެ.