މާލޭ ހުކުރު މިސްކިތް ފުރަތަމަ ބިނާކުރެވުނީ، މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައްސުލްޠާން މުޙައްމަދު އިބްނި ޢަބްދި ދަރުމަވަންތަ ރަސްގެފާނުގެ އަމުރުފުޅަށެވެ. 1338ގައި މި މިސްކިތް އަލުން ޢިމާރާތްކުރެއްވީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީނެވެ. މި މިސްކިތް މިހާރު ހުރި ގޮތަށް 1657 ގައި އަލުން އިމާރާތްކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)އެވެ.
ތިންސަތޭކަ އެތައް އަހަރަކަށް ފަހު މިސްކިތުގެ ބެރިތަކުން ކަތުރުފަނީގެ އަސަރުތަކެއް ފެނުމުން ހުކުރު މިސްކިތް ވަނީ ބަންދުކޮށްފައެވެ. އަދި ވަގުތުން ކަތުރުފަނި ނައްތާލުމަށް ކެމިކަލް ޓްރީޓްމެންޓް ދިނުމުގެ މަސައްކަތް ފަށާފައިވެއެވެ. ހުކުރު މިސްކިތުގެ މިހާރުގެ ހާލަތާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ރިސާޗް އޮފިސަރ އިސްމާއިލް އަޝްރަފު ވިދާޅުވީ ކަތުރުފަނި ނައްތާލުމަށް ކުރި މަސައްކަތުގައި ޓްރީޓްމެންޓް ފުރަތަމަ ދޭން ފެށި ބެރީގެ އެތެރެ އެއްކޮޅުން އަނެއް ކޮޅަށް ވަރަށް ބޮޑަށްހަލާކުވެފައިވާ ކަމަށެވެ.
އެހެންވެ މުޅި މިސްކިތުގެ ހުރިހާ ހިސާބެއްގެ ހާލަތު ބަލާފައިވާ ކަމަށާއި، މިސްކިތުގެ މަތި ވަޑާމުން ކަތުރުފަނީގެ އަސަރު ފެންނަން ހުރި ކަމަށެވެ. އަދި މަތިވަޑާން ވަރަށް ބޮޑަށް ފީވެފައިވާ ކަމަށް،،އަދި މިކަމަކީ މީގެ ކުރީގެ އަހަރުތަކުގައިވެސް ފާހަގަކުރެވިފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ކަތުރުފަނި އާލާވާގޮތަށް ހުރި ތަންތަން ބަލާފައިވާއިރު، ކަތުރުފަނި އާލާވެފައިވަނީ މިސްކިތުގެ ބޭރުގައި އޮންނަ ހުސްބިމުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ކަތުރުފަނި މިސްކިތަށް ވަނުމަށް މެދުވެރިވާ ސަބަބު ވެސް ބަލާފައިވާ ކަމަށާއި، މިކަން ތަހުގީގުކުރުމަށް މިސްކިތުގައި އަޅާފައި އޮތް ކާޕެޓު ނަގައި، މިސްކިތުގެ ތަނބުތައްވެސް ބަލާފައިވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ މިސްކިތުން ކަތުރުފަނި ނައްތާލުމަށް ކުރި މަސައްކަތުން މިސްކިތުގެ އެއްވެސް ހިސާބަކުން މިހާރު ކަތުރުފަނި ފެންނަން ނެތް ނަމަވެސް އަދިވެސް އިތުރު ތަހުލީލުތަކެއް ކުރަމުންގެންދާ ކަމަށެވެ. އަދި ކަތުރުފަނި އާލާވަމުން އަންނަ ސަރަހައްދުތަކުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އަޝްރަފު ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރާ ގުޅިގެން މިސްކިތުގެ އާބާތުރަ ފިލުވުމަށް ދެއަހަރު ދުވަހުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އާބާތުރަ ފިލުވުމަށްފަހު މިސްކިތް އަނެއްކާވެސް ހުޅުވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.