އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސްގެ އުޅަބޮއްޓަށް ލިބުުނު ބޮޑު އަނިޔާއެއްގެ ސަބަބުން ސީޒަން ނިންމާލަން ޖެހިއްޖެއެވެ.

ލޮރިސްއަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އެންމެ ފަހުން ބްރައިޓަން އަތުން 3-0 ބަލިވި މެޗުގެ ވަރަށް ކުރީކޮޅުގައެވެ.

މިޑްފީލްޑަރު ޕާސްކަލް ގްރޮސް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ހުއްޓުވަން އުޅުމުގެ ތެރޭގައި ލޮރިސްގެ އުޅަބޮއްޓަށް އަނިޔާވެ އޭނާ އަށް ދަނޑުމަތީގައި އޮކްސިޖަންދީ ފަރުވާދިނުމަށްފަހު ވަނީ ދަނޑުން ބާލާފައެވެ. އެއާއެކު އެތަކެއް ބަޔަކު ވަނީ އޭނާގެ އަނިޔާއާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ޓޮޓެންހަމްގެ ކޯޗު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މެޗަށްފަހު ކުރިއަށްގެންދިޔަ މެޑިކަލް ޓެސްޓްތަކުން ދައްކާ ގޮތުގައި އެ ޓީމުގެ ކެޕްޓަންގެ އުޅަބޮށީ ކައިރިން ލިގަމެންޓަށް ވަނީ ގެއްލުންވެފައެވެ. އަދި އެ ލިގަމެންޓަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް މަދުވެގެން ދެ މަސް ނަގާނެކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކީޕަރު ލޮރިސްގެ އަނިޔާ އާއި ގުޅޭގޮތުން ސްޕާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނިޔާއިން ރަނގަޅުވުމާއި އަރާމްކުރުމަށް އަދި ފިޓްކޮށް އެނބުރި އައުމަށް އޭނާ އަށް ފުދޭވަރަކަށް ވަގުތު ބޭނުންވާ ކަމަށެވެ.

އެއާއެކު އުމުރުން 32 އަހަރުގެ ލޮރިސްއަށް ވަނީ މިއަހަރުގެ ސީޒަން ނިންމާލަން ޖެހިފައެވެ. މިއީ މިއަހަރުގެ ސީޒަނުގެ ކުރިޔަށް އޮތްތަނުގައި ބޮޑެތި ގިނަ މެޗުތަކެއް ކުޅެންޖެހޭ ޓޮޓެންހަމްއަށް ލިބުނު ބޮޑު ގެއްލުމެކެވެ.

ލޮރިސް ވަނީ އެޓީމަށް މިހާތަނަށް 240 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭނާ ނެތުމުން ޓޮޓެންހަމްގެ ގޯލު ބަލަހައްޓާނީ އާޖެންޓީނާގެ ކީޕަރު ޕައޮލޯ ގަޒަނީގާ ކަމަށް ރިޕޯޓުތައް ބުނެއެވެ.