ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ މެންދުރު ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މިމައްސަލައިގެ ފަހު އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 13:00 ގައި ބޭއްވުމަށެވެ. ރައީސް ޔާމީނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ދެގަޑިއިރާއި 30 މިނެޓް ވަންދެން ކުރިޔަށްދިޔަ ޝަރީއަތުގެ މަޖިލީސް މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމަވާލެއްވީ ދެން އޮންނަ ފަހު އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުން ކުރިއަށް ގެންދަވާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.

ޚުލާސާ ބަޔާން އިއްވުމުގެ ޝަރީއަތް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ކަމަށްވެސް ގާޒީ އެ ދުވަހު ވަނީ އިއުލާންކުރައްވާފައެވެ. ނަމަވެސް ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން ފަހުން ވަނީ މިމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ކުރިއަށް ގެންދަން ނިންމާފައެވެ. މިބަދަލު ގެނައި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ޚުލާސާ ބަޔާން އިއްވުމުގެ މަޖިލީހަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވާ މަޖިލީހެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ އޭސީސީގެ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އެންގުމުން، އެހެން އެއް މިލިއަން ޑޮލަރެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.