އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކަށް ނަސޭހަތްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އުއްތަމަފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ އަރީފަށް ނަސޭހަތްދިނުމަށް ނިންމީ އެބޭފުޅުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ތިން ފަނޑިޔާރުންނާމެދު ފިޔަވަޅުއެޅުމަށް ނިންމައި ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުގީގީ ކޮމިޓީން ބެލި މައްސަލާގައި ތިން ބޭފުޅުންނަށް ވެސް ޖަވާބުދާރީވުމަށް ފުރުސަތު ދެވުނު ކަމަށެވެ. އަދި ތަހުގީގު ކޮމިޓީގެ ނިންމުމުގައިވާގޮތަށް ތައުބީދީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތްތެރިވުމަށް ކޮމިޝަނުގެ މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ތަހުގީގުކުރަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި އެކުލަވާލި ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި އެ ރިޕޯޓު ބަލައިގަތީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އެބޭފުޅުންނާ ގުޅޭގޮތުން ބެލި ޝަކުވާއަށްފަހު ނަސޭހަތްތެރިވުމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވާއިރު، ޖަވާބުދާރީވުމަށް އެބޭފުޅުންނަށް ދޭން ނިންމީ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ 30 ދުވަހުގެ މުއްދަތެވެ. ސެޕްޓެމްބަރު 23 އަށް ވަނީ އެ މުއްދަތު ހަމަވެފައެވެ.

މީގެ އިތުރަށް ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމާ ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭނައަށް ވެސް ނަސޭހަތްތެރިވުމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވަނީ ނިންމާފައެވެ. އެހެންކަމުން އެ ނިންމުމާ އެއްގޮތަށް ފިޔަވަޅުއެޅުމުގެ މަރުހަލާތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، އިތުރު ތިން ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކެއް ވެސް ބަލަން ނިންމައި މިއަދު ވަނީ ތަހުގީގު ކޮމިޓީއާ އެކަން ހަވާލުކުރެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ ބ.އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އުންމުކުލްސޫމް އަބޫބަކުރާއި، ގއ.ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް މުނީރާއި، ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގާ ގުޅޭ މައްސަލައެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެއެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ބަލައި ފިޔަވަޅުއެޅުމަށް ނިންމަމުންދާއިރު، މި މައްސަލަތަކުގެ ތަފުސީލެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ. މިގޮތުން އުއްތަމަފަނޑިޔާރު ހިމެނޭގޮތުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ މައްސަލަ ބަލައި ނަސޭހަތްތެރިވުމަށް ނިންމި ނަމަވެސް، އެ ބޭފުޅުންނާ ގުޅޭގޮތުން ބެލީ ކޮން މައްސަލައެއްކަން ވެސް ހާމައެއް ނުކުރެއެވެ.