ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބައެއް ބިލްތައް ރައްޔިތުންގެ މަޖިލީހުން ޑްރާފްޓްކުރަން ފެށުމާ ގުޅިގެން ސަރުކާރުން ކަންބޮޑުވެއްޖެ އެެވެެ.

މިމައްސަލައިގައި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒު ކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށެވެ. އަދި ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ބަންޑާރަނައިބް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކެއް މަޖިލީހުން ޑްރާފްޓް ކުރަން ފެށުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މިމައްސަލައިގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި 10 އަހަރު މަސައްކަތް ކުރައްވާަފައިވާ މިނިސްޓަރު މަހްލޫފް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށެވެ. އަދި އެއީ ބަންޑާރަނައިބްގެ އޮފީހުން ކުރާ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު މަހްލޫފަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަކޮށްދެނީ މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ނިސްބަތްވާ މެންބަރުން ކަމަށެވެ. އަދި އެ ލެޖިސްލޭޓިވް އެޖެންޑާ މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ އެމްޑީޕީގެ އެޖެންޑާ 19ގެ މައްޗަށް ކަމަށްވެސް އިމްތިޔާޒު ވަނީ ވިދާޅުވެފަ އެވެ.

"މެންބަރުން ބިލް ޑްރާފްޓް ކުރިޔަސް ބަންޑާރަނައިބް ކުރިޔަސް އެކުރަނީ އެއް ކަމެއް. މިހާރު ކުރަން މިއުޅެނީ އަވަސް ކުރުމަށްޓަކައި އެކުގައި،" އިމްތިޔާޒު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބައެއް ބިލްތައް މަޖިލީހުން ޑްރާފްޓް ކުރަން ފެށީ ސަރުކާރުން އެމަސައްކަތް ކުރިއަށް ގެންދާއިރު ލަސްކަމެއް އުޅޭތީ ކަމަށް މަޖިލީހުގެ ބައެއް ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސަރުކާރުގެ ބައެއް ދިމަދިމާލުގައި ލަސްކަމެއް އުޅޭކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަންކަން ސަރުކާރުގެ ތެރެއިން ރަނގަޅުކޮށް މަޖިލީހުން މަސައްކަތް ކުރަން ބޭނުންވާ އަވަސް ކަމާ އެކު މަސައްކަތް ކުރުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ހިމެނޭ ބިލްތަކުގެ ތެރެއިން މަޖިލީހުގެ މިދައުރުގެ ޖަލްސާތަކަށް 34 ބިލެއް ހުށަހަޅަން ނިންމާ، އެ ބިލްތަކުގެ ނަންތައް ބަންޑާރަނައިބްގެ އޮފީހުން މިހާރު ވަނީ ހާމަކޮށްފަ އެވެ.