ޖަލުތަކުގައި ތިބި ގައިދީންތަކެއް ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ހުރި މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލުގައި ހުރި މައްސަލަތައް ފާހަގަކޮށް ގައިދީންގެ ފަރާތުން އެމަނިކުފާނަށް 16 ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިސިޓީތައް ފޮނުވާފައިވަނީ ވޭތުވެދިޔަ ތިން މަސް ދުވަހު ޖަލުގައި ހުރި މައްސަލަތައް ހިމަނައިގެން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މަޑުކޮށްލީ ވަކިވަކި ސީޓީ ފޮނުވުމުގެ ބަދަލުގައި ކޮންމެވެސް އަދަދަކަށް ސިޓީ ލިބުނީމަ ފޮނުވަން. އަޅުގަނޑު އެކުލަވާލާފައިވާނެ އެ ސިޓީތަކުގެ ހުލާސާއާ އެކުގައި. ހިއުމަން ރައިޓްސް ކޮމިޝަނަށް މި ސިޓީތަށް ފޮނުވާނަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން މިމައްސަލަތައް ބެލުމަށް ހަވާލުކޮށްފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށެވެ.

ގައިދީން ބައިތިއްބާފައި ތިބޭ ޖަލުތަކުގެ ހާލަތު ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ އަބަދުވެސް ބަލައި މޮނިޓާކުރަމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ޖަލުތަކުގެ ހާލަތު ބެލުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލައި ހާއްސަ އޮޑިޓެއް ވެސް ހަދާފަ އެވެ.

ކޮމިޝަންގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޖަލުގައި އަދިވެސް އަނިޔާކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި އަދިވެސް ޖަލުގެ ބައެއް ގޮޅިތަކުގެ ހާލަތު ހުރީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ. މިރިޕޯޓާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ ޕްރިޒަންސް ރިފޯމް މޮނިޓަރިންގެ ނަމުގައި ކޮމިޓީއެއް ޖަލުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފަ އެވެ.