މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓް ތައްޔާރުކުރުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ކަމަށް ބުނެ އެބޭފުޅުން މަގާމުތަކުން ދުރުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާކޮށް، ކީރިތި ރަސޫލާއަށް ހަޖޫޖަހާ ރިޕޯޓެއް އެކުލަވާލިއިރު އެ ރިޕޯޓް އެކުލަވާލުމުގައި އުޅުއްވި ބައެއް ބޭފުޅުން މިސަރުކާރުގެ އިސް މަގާމުތަކުގައި އެބަތިއްބެވި ކަމަށެވެ. އެހެންކަމުން ޝިޔާމް ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެމްޑީއެންއަށް ނިސްބަތްވާ ބޭފުޅުން މަގާމުތަކުން ވަކިކޮށް އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލައި އެކަމުގައި ބައިވެރިވި ބޭފުޅުންނަށް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލައްވާފަ އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓް ދެއްވީ އެންމެ 11 މެންބަރުންނެވެ. މިމައްސަލަ ބަލައިނުގަތުމަށް 35 މެންބަރުން ވޯޓް ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ މިމައްސަލަ މަޖިލީހުން ބޭރުވެފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ބަޔާނެއްގައި ވަނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ފުލުހުން ވެސް ވަނީ ހާއްސަ އިސްކަމެއް ދީގެން މިރިޕޯޓްގެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އެމްޑީއެން އިން ވަނީ ރިޕޯޓްގައި ހުރި މައްސަލަތަކާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި ދީނީ އިލްމުވެރިންގެ ހިޔާލު ހޯދުމަށްފަހު އެ ރިޕޯޓް އިސްލާހުކުރާނެ ކަމަށްވެސް އެމްޑީއެން އިން ބުނެފައިވެ އެވެ.